ސިޔާސީ

ޝަރުޠުތަކަކާއެކު، ސީލައިފްގެ ވެރިޔާ ދޫކޮށްލައިފި


މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ)، ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ، ޢާއިލާގެ 2 މެންބަރަކު ޖާމިނުކުރުމަށްފަހުއެވެ. ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނަޢީމާއާއި، ކޮއްކޮ އަފީފާ މޫސާއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް އެދެމީހުން ހާޒިރުކުރުމަށްފަހު ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ވަނީ ސާފުކޮށްފައެވެ. އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އޭނާއަށް ޝަރުޠުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00އަށް ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހެއެވެ. އަދި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރެވޭނެކަމަށާ، ޝަރީޢަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާންވެސް ޖެހޭނެއެވެ. ހަމައެހެންމެ ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24ވަނަ ދުވަހުއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ.
އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.