މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ)، ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމަރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ސީލައިފްގެ ވެރިޔާ އަންމަޓީ ދޫކޮށްލާފައިވަނީ، އޭނާގެ ޢާއިލާގެ 2 މެންބަރަކު ޖާމިނުކުރުމަށްފަހުއެވެ. މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު، އިސްތިއުނާފުކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ހައި ކޯޓަށް ހުށަހަޅާނެކަމަށެވެ.
ޕީޖީ އަލްއުސްތާޛު ޙުސައިން ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ދެން ޖެހޭނީ ހައިކޯޓަށް ދާންކަމަށެވެ. އަދި ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.
ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހެނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ.
— Hussain Shameem (@HuShameem) October 21, 2021
ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނަޢީމާއާއި، ކޮއްކޮ އަފީފާ މޫސާއެވެ. ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމަށް އެ ދެމީހުން ހާޒިރުކުރުމަށްފަހު ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްފައިވެއެވެ.
އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އޭނާއަށް ޝަރުޠުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00އަށް ފުލުހަށް ހާޒިރުވެ ސޮއިކުރަންޖެހެއެވެ. އަދި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރެވޭނެކަމަށާ، ޝަރީޢަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާންވެސް ޖެހޭނެކަމަށް އަމުރުގައިވެއެވެ.
ހަމައެހެންމެ ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައި ވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.
މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.