ޚަބަރު

ބޯހިޔާވަހިކަމަށް 1.2 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް


ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށް 1.2 ބިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގައުމަކީ ސަރުކާރުން ހުއްޓާނުލާ ކުރާނެ މަސައްކަތެއް ކަމުގައެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1.2 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތަޢާރަފުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުމެވެ.

މީގެއިތުރުން ސަރުކާރުން ވަނީ އަތޮޅުތެރޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަށްރަށުގައި ނުހެދި ހުރި ގެވަޅުތައް ސަރުކާރުގެ ހައުސިން ސްކީމް ތެރެއިން އިމާރާތްކުރުމަށްޓަކައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިނިސްޓަރ އަސްލަމް ވިދާޅުވީ މިގޮތަށް މިމަސައްކަތް ކުރުމަށް ހުޅުވާލުމުން ކޮންޓްރެކްޓަރުންގެ ފަރާތުން ހުށަހެޅޭ އަގުތަކަކީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ އަގުތަކެއް ނޫންކަމަށެވެ.

އަތޮޅުގެތެރޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް، ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑު 5 ރަށެއްގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މި އަހަރުގެ ނިމުމުގެ ކުރިން މިމަސައްކަތް ނިންމާލުމަކީ މިނިސްޓްރީގެ އަމާޒެކެވެ. މީގެއިތުރުން ކުރީގެ ސަރުކާރުތަކުން އަޅަންފަށައި، ހުއްޓިފައިވާ މަޝްރޫޢުތައްވެސް އަލުން ފަށައި ދިރިއުޅެވޭނެ ގޮތްތައްވެސް ދަނީ ފަހި ކުރަމުންނެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ޢަދަދު 13،000 އަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަން ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.