ޚަބަރު

އަންނަ އަހަރު ކުޅުދުއްފުށީގައި 1400 ހައުސިންގ ޔުނިޓް އަޅަނީ


ބޮޑު އާބާދީއެއް އޮތް އަދި ބޯހިޔާވަހިކަމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކުޅުދުއްފުށި ސިޓީއަށް ޚާއްސަކޮށްގެން އަންނަ އަހަރު 1400 ހައިސުން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ސިޓީއެއްކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ބަޖެޓް ކުރެވޭއިރު، އިތުރު 1،000 ހައުސިން ޔުނިޓް އެޅުމަށް ބޭރުގެ ބަޔަކާއި ވާހަކަ ދެކެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހައުސިން ޔުނިޓްގެ މަސައްކަތްތަކާއެކު ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ.

"މި އަންނަ އަހަރު ބަޖެޓުން އެކަނި ސީދާ މި ރަށަށް 400 ހައުސިންގ ޔުނިޓް މިހާރުވާނީ ރިޒަރވް ކޮށްފައި. އަދި އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތް މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން" ރައީސް ސާލިހު ވިދާޅުވިއެވެ.

އާބާދީގައި 10000 މީހުން ހަމަވެ މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުއްޓަކީ 12000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އަދި ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ބަޔަކު ދިރިއުޅެއެވެ.

ކުޅުދުއްފުށީގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ކުރިމަތިވެފައިވާ އެތައް ރަށެއް ރާއްޖޭގައި އޮތްއިރު، އެމައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.