ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އެކިކަންކަން ހަމަޖެއްސުމަށްޓަކައި ސިޔާސަތު އެކަށައަޅާ ހިސާބުގައި ނަރުހުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.
ނަރުހުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް "ނަރސިން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވަނީ ރާއްޖޭގެ އިޤްތިސާދު ޖާގަދިންމިންވަރަކުން ނަރުހުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެއްވަމުން ގެންދަވަނެކަމަށް ވިދާޅުވެފައެވެ.
ނަރުހުންގެ ޚިދުމަތަކީ ސިއްޙީ ދާއިރާގެ ކާމިޔާބުގެ މައްޗަށް ބަރޯސާވާ މުހިންމު ޚިދުމަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަރުހުންނަކީ ސިއްޙީ ދާއިރަގެ މައިބަދައިގެ ގޮތުގައި ސިފަކުރައްވައި މިނިސްޓަރ ވިދާޅުވީ ބަލިމީހާއަށް ނަރުހުންގެ ޚިދުމަތް ބޭނުންވާކަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގައިކަމަށެވެ. ކޯވިޑްފަދަ ސިއްޙީ ބޮޑެތި ކާރިޘާތަކުން އަރައިގަތުމަށްޓަކައި ސިއްޙީ ޚިދުމަތްތެރިންގެ ޢަދަދު އިތުކުރަން ޖެހޭކަމަށާ މިފަދަ ޚިދުމަތްތެރިން އިތުރުކުރެވޭނީ އެމީހުންނަށް ލިބޭ އުޖޫރައަށްވެސް ބަދަލުގެނެސްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަރުހުންނާ ގުޅުންހުރި ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ނަރުހުންގެ ކިޔެވުމާއި ތަމްރީންތަކަށް މިހާރަށްވުރެބޮޑަށް އިސްކަންދެއްވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި މިދާއިރާއަށް ނުކުންނަ ދިވެހިންގެ ޢަދަދު މަދުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ނަރުހުންކުރާ މަސައްކަތާ އަޅާބަލާއިރު ނަރުހުންގެ ސަލަމާތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނެތުމާއި އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ. އަނެއްސަބަބަކީ ނަރުހުންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ނުކުރެވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"4 އަހަރުގެ ތެރޭގައި އެމްއެންޔޫއިން ކޮންމެ އަހަރަކުވެސް 1000އަށްވުރެ ގިނަ ދަރިވަރުން ޓްރެއިނިން ވެގެން ނުކުމޭ. ބައެއް ނަރުހުންނަކީ މިހާރު ތިބި ނަރުހުންނަމަވެސް ތަންތަނުގައި ޚިދުމަތްދޭ ނަރުހުންގެ ޢަދަދު ނިސްބަތުން މަދު. ކޯވިޑް ފަދަ ކާރިޘާއެއް މެނޭޖުކުރާވަރަށް ނަރުހުން ނެތުމުން ޚިދުމަތް ފޯރުކޮށްދޭން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ކޯވިޑްގެ ވަބާގައި އެނގޭ އެއްކަމަކީ ބަލި އެނދަށް ލުމަށްފަހު ދެން އޭނާގެ ހާލަތަށް އަންނަ ބަދަލުތައް އެންމެބޮޑަށް ބިނާވެގެންދާނީ ނަރސިން ކެއަރގެ މައްޗަށްކަން." ނަޞީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ނަޞީމް ވިދާޅުވީ ރާއްޖޭގައި ނަރުހުންގެ ޚިދުމަތުގައި މިވަގުތު ގާތްގަނޑަކަށް ތިބީ 2913 ނަރުހުން ކަމަށެވެ. މިއީ ހޮސްޕިޓަލްތަކުގައި މަސައްކަތްތކުރާ އެހެން މީހުންނާ އަޅާބަލާއިރު %50އަށްވުރެވެސް މަތީ ޢަދަދެއް ނަމަވެސް މީގެ ތެރެއިން %42 މީހުންނަކީ ބޭރު މީހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކޮމިއުނިޓީ ނަރސް ވޮލެންޓިއަރ"އިން ބޭއްވި މި ފޯރަމްގައި ޖުމުލަ 3 ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކުލަވާލުމުގައި ނަރުހުންގެ ބައިވެރިވުން މަދުކަމާއި ތަމްރީނު ދިނުމާއި ޚިދުމަތްދިނުމުގެ އޮނިގަނޑު ރޭވުމުގައިވެސް ނަރުހުންގެ ދައުރު ކުޑަކަމެވެ. މިފޯރަމްގައި ވަނީ މިކަންކަން ކަމާބެހެ ފަރާތްތަކަށް ހުށަހެޅުމަށް ނިންމައި އެކަންކަމަށް ހައްލު ހޯދުމަށް އެދިވަޑައިގެންފައެވެ.
މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ ނަރުހުންނަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެކަމަށް މަޝްވަރާކޮށް ހައްލެއް ލިބޭ މަގެއް ހޯދުމުގެގޮތުން ކުރިއަށްގެންދިޔަ ފޯރަމެކެވެ.