ކުޑަކުދިންނަށް ދެވޭ އެކި ކަހަލަ އަނިޔާގެ މައްސަލަތައް ހުށައެޅޭ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތަފާތު އެކި މަސައްކަތްތައް މީޑިއާތަކާއި، ދައުލަތާއި އެނޫންވެސް ކަމާ ގުޅުން ހުރި އެކި އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް އެކި އެކި ކުދިންނަށް ކުރާ ގޯނާއާއި އެކި ކަހަލަ އަނިޔާތަކުގެ ވާހަކަތައް ކޮންމެ ދުވަހަކުވެސް ދަނީ ފެންމަތިވަމުންނެވެ. ފުލުހުން ވިދާޅުވާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެންމެ ޢާއްމު އަނިޔާއެއްގެ ގޮތުގައި ވެފައި އޮންނަނީ ޖިންސީ އަނިޔާއެވެ. ނޫނީ ޖިންސީ ގޯނާއެވެ. ނޫންނަމަ ޖިންސީ ފުރައްސާރައެވެ. މީގެއިތުރުން ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އިހުމާލު ވުމުގެ އަނިޔާގެ މައްސަލަތައްވެސް ހުށަހެޅޭކަމަށް ފުލުހުން ވިދާޅުވެއެވެ.ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކަންބޮޑުވާންޖެހޭ މިންވަރަކަށް މިފަދަ މައްސަލަތައް ވަނީ ހުށަހެޅިފައެވެ. އެގޮތުން މިދިޔަ 2014 ވަނަ އަހަރު ކުޑަކުދިންނާ އެއްޖިންސުން ގުޅުން ހިންގައިގެން 19 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މިހާތަނަށް އެފަދަ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ 2 ގުނައަށް އިތުރުވެފައެވެ. އެގޮތުން މިއަހަރު ކުޑަކުދިންނާ އެޖިންސުން ގުޅުން ހިންގައިގެން 36 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ކުޑަކުދިންނާ ގަދަކަމުން ބަދުއަޚުލާޤީ އަމަލު ހިންގުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ ފަސް އަހަރު ތެރޭގައި އެވްރެޖްކޮށް ކޮންމެ އަހަރު 200 އަށްވުރެ ގިނަ މިފަދަ މައްސަލަ ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން ކުޑަކުދިންނާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގައިގެން 2010 ވަނަ އަހަރު 175 މައްސަލަ، 2011 ވަނަ އަހަރު 267 މައްސަލަ، 2012 ވަނަ އަހަރު 273 މައްސަލަ، 2013 ވަނަ އަހަރު 244 މައްސަލަ، 2014 ވަނަ އަހަރު 207 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 208 މައްސަލަ ހުށަހެޅިފައިވެއެވެ. ފުލުހުން ވިދާޅުވީ ޖިންސީ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައްވެސް މަދުނުވެ އިތުރުވަމުންދާކަމަށެވެ. މިގޮތުން 2010 ވަނަ އަހަރު އެފަދަ 16 މައްސަލަ ހުށަހެޅިފައިވާއިރު، 2011 ވަނަ އަހަރު 35 މައްސަލަ، 2012 ވަނަ އަހަރު 83 މައްސަލަ، 2013 ވަނަ އަހަރު 90 މައްސަލަ، 2014 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް މަދުވުމަށްފަހު، މިއަހަރު ނޮވެމްބަރުމަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ 97 އަރާފައެވެ.ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަތައްވެސް ނިސްބަތުން އިތުރުވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިގޮތުން 2013 ވަނަ އަހަރު 105 މައްސަލަ، 2014 ވަނަ އަހަރު 64 މައްސަލަ، އަދި މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 173 މައްސަލަ ކުޑަކުދިންނަށް އިހުމާލުވެގެން ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ކުޑަކުދިންނަށް ކުރެވޭ އެކި ކަހަލަ އަނިޔާގެ މައްސަލަތައް މިވަނީ ކަންބޮޑުވާންޖެހޭ ހިސާބެއްގައެވެ. އެހެންނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަން ސިއްރުކުރާކަން ފުލުހުން ފާހަގަކުރެއެވެ. އަދި މިފަދަ މައްސަލަތައް ސިއްރުކުރާކަމަށް ޤަބޫލްކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ، މިފަދަ މައްސަލަތަކުގައި ގިނަ ފަހަރު ޝާމިލްވާ ފަރާތްތަކަކީ ޢާއިލާގެ މެމްބަރުންނާއި ޢާއިލާއާއި ގާތް މީހުންކަމަށްވުންކަމުގައި ފުލުހުން ފާހަގަ ކުރެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ސިއްރުނުކޮށް، އަޅުގަނޑުމެންގެ ޅަ ދަރީންނަކީ ބޮޑެތި މީހުންގެ އަނިޔާގެ ވަކިތަކުން ސަލާމަތްކޮށް، މައިންބަފައިންގެ ފުރިހަމަ ހިމާޔަތުގައި ތިބި ބަޔަކަށް ހަދަންޖެހެއެވެ.