ޚަބަރު

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ ސަރވޭގެ މަސައްކަތްތައް ފަށައިފި


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރުމަށް ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.

މި މަސައްކަތްތައް ކުރަމުން ގެންދަނީ ބްރިޖްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވެއާސްއިންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މާލެ-ތިލަފުށި ލިންކް މަޝްރޫޢާ ގުޅިގެން މިމަހުގެ 28 އިން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު 1 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދުގައި ސަރވޭ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ސާރވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި މި ސަރަހައްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށް ޓްރާންސްޕޯތް އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށް މިކަމަށް ހާއްސަ ސަމާލުކަން ދީގެން އުޅަނދުފަހަރު ދަތުރުފަތުރު ކުރުމަށް ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެފްކޯންސް އިންފްރާސްޓަރަކްޗަރއިންނެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.

ޙަސަނާބެ

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ.