ވިޔަފާރި

"1.5މިލިޔަނާއި 1.8މިލިޔަނާ ދެމެދުގެ ޢަދަދަކަށް އަންނަ އަހަރު ފަތުރުވެރިން އަންނާނެ"


އަންނަ އަހަރު ރާއްޖެއަށް 1.5 މިލިޔަނާއި 1.8 މިލިޔަނާ ދެމެދުގެ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންނައަހަރުގެ ބަޖެޓުގައި ލަފާކޮށްފިއެވެ. 2022ވަނަ އަހަރަށް ލަފާކޮށް މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ވަނީ ރާއްޖޭގެ އިޤްތިޞާދަށް ހުރިއެރުންތަކެއް އަންނާނެކަމަށް އަންދާޒާކޮށްފައެވެ.

2022ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިސާދަށް އަންނަ ފަހި ބަދަލުގެ މޯހިރުގައި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އާރޯކަން ލިބެމުންދާ ކަމަށެވެ.

ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިހާރު ހުރީ 2019އާ ގާތްގަނޑަކަށް އެއް ހަމައެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނަށް 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު އަންދާޒާ ކުރަނީ މިއަހަރު ނިމޭއިރު 1.2 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"2022ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ، ގޯލްޑަން ޖުބިލީ އަހަރު މިކަން ފާހަގަ ކުރުމަށް، ގިނަ މާކެޓިންގ ޙަރަކާތްތަކެއް ރާވާފައި ހުރުމާއި، ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭ ރިސޯޓްތައް ކޯވިޑް-19އާ އެކުވެސް އޮޕަރޭޓްކުރުމަށް ވެފައިވާ ތައްޔާރީތަކާއެކު، 2022ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19ގެ ކުރިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރާ ހަމައަށް ވާސިލުވެވޭނެކަމުގެ އުންމީދު ބޮޑު،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ ފަތުރުވެރިކަމުގެ ސިނާޢަތާ ސީދާ ގުޅިފައިވާ މައިގަނޑު ޢާމްދަނީތައް، ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

އަދި ފަތުރުވެރިކަމަށް މިއަންނަ ހެޔޮ ބަދަލުތަކާއި ޢާންމު ވިޔަފާރި ޙަރަކާތްތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއެކު، ޖީއެސްޓީއާއި ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭ ޢާމްދަނީވެސް 2022ވަނަ އަހަރު އިތުރުވެގެންދާނެކަމަށް ސަރުކާރުންވަނީ ލަފާކުރައްވާފައެވެ.