ސިއްހަތު

ބަޖެޓް 2022 : އާސަންދައިން ކުރެވޭ އިސްރާފު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް


ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

2022ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން އެތަކެއް ދިވެހި ރައްޔިތުންނެއްގެ ދިރިއުޅުމުގެ ޙާލަތު ބަދަލުވެގެން ދިޔަކަމަށެވެ. އަދި އެންމެ ފަރުދަކުވެސް ބާކީ ކުރުމެއްނެތި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މި ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދެމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖުމްލަ 3.1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ދާއިރާއިން ކުރުމަށް ނިންމާފައިވާ ބައެއް މުހިއްމު ޚަރަދުތަކުގެ ތެރޭގައި އާސަންދަ ޞިއްޙީ އިންޝުއަރެންސްގެ އަގަށް ދައްކާ ފައިސާގެގޮތުގައި 731 މިލިޔަން ރުފިޔާ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީގެ ފައިސާގެގޮތުގައި 278 މިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ބޭސް ފަރުވާކުރުމަށް ދެވޭ އެހީގެ ގޮތުގައި 105 މިލިޔަން ރުފިޔާއާއި، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީގެ ގޮތުގައި 68 މިލިޔަން ރުފިޔާ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ޚިދުމަތް ކަށަވަރުކުރުމަށްކަމަށެވެ.

އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން، މާލީ ރައްކާތެރިކަންވެސް އިތުރުކޮށްދޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ. މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރާނަން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ދެމުންދާ އެހީތައް 2022ވަނަ އަހަރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށެވެ.

އެގޮތުން ނިކަމެތިންނާއި، އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 363 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދޭ އެހީގެ އިތުރުން، ދަތުރުފަތުރުގެ އަގު ތިރި ކުރުމަށް ދޭ ސަބްސިޑީވެސް އަންނަ އަހަރު ދެމުންގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، މި ދާއިރާއާގައި ހައްލުކުރަންޖެހޭ ގިނަގުނަ ކަންކަންހުރިއިރު، ދާއިރާ ކުރިއަރުވަން އެކަށީގެންވާ ވަސީލަތްތައް ހޯދައިދީ އިންވެސްޓްމަންޓްތައް ކޮށްފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން 2022ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ގެ ބަޖެޓު 2018ވަނަ އަހަރާ އަޅާބަލާއިރު 2 ގުނަ ބޮޑުކޮށްފައިވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ސ.ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓުގައި އަލަށް ހިމަނާފައިވާއިރު، ހުޅުމާލޭގައި ގާއިމުކުރާ ނެޝަނަލް ޑްރަގް އޭޖެންސީގެ ވެލްނަސް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.