ޚަބަރު

އާ ޢިމާރާތާއެކު އދ. ތަޢުލީމީ މަރުކަޒު އެއް ދަންފަޅިއަށް


އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް ޢިމާރަތްކުރި 16 ކްލާސްރޫމުގެ ޢިމާރާތް ހުޅުވައިފިއެވެ.

މި ކްލާސްރޫމްތައް ހުޅުވައިދެއްވީ އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެކްލާސްރޫމްތައް ހުޅުވުމާއެކު އދ.އަތޮޅު ތަޢުލީމީ މަރުކަޒު އެއްދަންފަޅީގެ ސްކޫލަކަށް ބަދަލުވެގެންދާނެކަމަށެވެ.

މި ކްލާސްރޫމްތައް ހުޅުވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުންކަމަށެވެ. މިކަމުގެ ސަބަބުން މެންދުރު ފަހުގައި ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު، ދަރިވަރުންގެ އަޚްލާޤީބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް، ސަރުކާރުން މިހާރުގެ ޙާލަތު ދެނެގަނެފައިވާކަމަށާއި މިހާރުވެސް ތަޢުލީމީ ދާއިރާގައި ސްކޫލުތަކަށް އުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 166 ޕްރޮޖެކްޓް ހިންގާކަމަށް މިނިސްޓރަ ވިދާޅުވިއެވެ. . އޭގެ ތެރޭގައި ޖުމްލަ 1039 ކިލާސްރޫމާއި، 66 މަލްޓިޕާރޕަސްހޯލާއި 215 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި ސްކޫލުގައި މި ހުޅުވޭ 16 ކިލާސްރޫމް ބޭނުންކުރަން ފެށުމާއެކު މާދަމާއިން ފެށިގެން އަލިފުދާލު އަތޮޅު ތަޢުލީމީ މަރުކަޒު އެއްދަންފަޅީގެ ސްކޫލަކަށް ބަދަލުވުން. މިކަން ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން. މުޤައްރަރުގައިވާ ބައިތައް ކިޔަވަން ފަށާތަން. ދެން ފެނިވަޑައިގަންނަވާނީ މެންދުރުފަހުގެ ވަގުތުތައް ކްލަބު ހަރަކާތްތަކާއި ހުނަރު ދަސްކުރުމުގެ ހަރަކާތްތަކުގައި ދަރިވަރުން ފޯރިއާ އެކު އުޅޭތަން. ރަށުގެ ސަގާފީ ކުޅިވަރުތައް އައު ޖީލަށް ދަސްކޮށްދިނުމުގައި، ރަށުގެ އިސް ރައްޔިތުން އުޅޭތަން." މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިމާރާތްކުރި 16 ކްލާސްރޫމްގެ ހަތަރުބުރީގެ ޢިމާރާތުގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގައެވެ. އެގޮތުން އދ.އަތޮޅު މަދަރުސާގައި 16 ކްލާސްރޫމް ޢިމާރާތްކުރުމަށް ވަނީ 10 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

500 އަށްވުރެ ގިނަ ދަރިވަރުން މީގެ ކުރިން އެ ސްކޫލްއިން ކިޔަވައިދެމުން ގޮސްފައިވަނީ 14 ކްލާސްރޫމްގައެވެ. މިއަދާ ހަމަޔަށްވެސް އެ ސްކޫލްގައި ކިޔަވަދީފައިވަނީ 2 ދަންފަޅިއަށް ބަހާލައިގެންނެވެ. ޖާގައިގެ ދަތިކަމާއި ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުމުގެ ސަބަބުން އެ ސްކޫލްއަށް ވަނީ ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސްޕަލް މޫސާ ނަދީމް ވިދާޅުވީ އެ ސްކޫލްގައި 2 ދަންފަޅިއަށް ކިޔަވައިދޭޏް ޖެހުމުގެ ސަބަބުން ދަރިވަރުންނަށް ހިންގަންޖެހޭ އިތުރު ހަރަކާތްތައްވެސް ފަސޭހަ ކަމާއެކު ނުހިންގޭކަމަށެވެ. އަދި ސްކޫލް ދަރިވަރުންގެ އިންޓަރވަލް ބެލެނިވެރިން ސްކޫލްއަށް ގެނެސްދޭއިރުވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން ތަކުލީފުތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. ނަދީމް ވިދާޅުވީ އަލަށް އިމާރާތް ކުރި ކްލާސްރޫމްތަކާއެކު ކުރިން ދިމާވި ދަތިކަލަށް ހައްލު ލިބިގެން ދާނެކަމަށެވެ.

އަތޮޅޫ ތަޢޫލީމީ މަރުކަޒުގައި އިމާރާތް ކުރި 16 ކްލާސްރުމް އިމާރާތުގައި ހެލްތް ރޫމްއާއި ކައުންސެލިން ރޫމްއެއްވެސް ހިމެނެއެވެ. އެ ސްކޫލްއަކީ އެލްކޭޖީން ފެށިގެން ގްރޭޑް 11 އާ ހަމަޔަށް ކިޔަވައިދޭ ސްކޫލްއެކެވެ.