ޚަބަރު

ދުޝްމަނުންގެ މައްޗަށް ދިވެހިންނަށް ނަސްރުލިބުނު ދުވަސް


މިއަދަކީ މީގެ 33 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ.

އިސްލާމްދީނާއި، ދިވެހި ޤައުމުގެ ދުޝްމަނުންގެ ނުބައި ޙީލަތްތެރި ރޭވުން ނާކާމިޔާބުވެ ޙައްޤަށް ނަޞްރު ލިބުނުދުވަހެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އަވައްޓެރި އިންޑިއާއަށެވެ.

ކުލީސިފައިންގެ ހަމަލާ މާލެއަށް ދޭންފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 އެއްހާ މީހުން ކަނޑާއި ވައިގެ މަގުން ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ދިވެހި ސިފައިންނާއި، ކުލީ ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލު ކުރެވި ހަނގުރާމަ އޮތީ މައިތިރިވެފައެވެ. އޭރު ދިވެހި ސިފައިންގެ މަސައްކަތްކުން ކުލީ ސިފައިންގެ އެތައް ބަޔަކު ވަނީ މަރާލާފައެވެ.

މިޢުދުވާނީ ޙަމަލާ ރޭވުމުގައި އިސްކޮށް އުޅުނު 7 މީހަކު ވަނީ ޝަރީޢަތަށް ސާބިތުވެފައެވެ. އެއީ މިޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް އުޅުނު ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީއާއި އެކި ގޮތްގޮތުން މިކަމުގައި އިސްކޮށް ބައިވެރިވެފައިވާ އިތުރު 6 މީހުންނެވެ.

ނޮވެމްބަރު 3ގެ ޙަމަލާ ރާވައި ހިންގި ބާޣީން

  • ޢަބްދުﷲ ލުޠުފީ، ހ. ހާޖަރާގެ (މަރަން ޙުކުމް ކުރެވުނު)
  • އަޙްމަދު ނާޞިރު، ޕެރިސް ހޮލިޑޭ – ސ. ހިތަދޫ (މަރަން ޙުކުމް ކުރެވުނު)
  • ޢަބްދުﷲ ޝާހިދު، ޒަމާނީގެ – ސ. ހިތަދޫ (މަރަން ޙުުމް ކުރެވުނު)
  • ކަރޯ ޢައްބާސް އިބްރާހީމް، ހ. ކަރޯގެ (މަރަން ޙުކުމް ކުރެވުނު)
  • މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެ (11 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  • ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެ (15 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  • ޢުމަރު ޖަމާލު، މއ. ތިނަދޫގެ (13 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)

މަރަން ހުކުމް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރިއެވެ. މިކަން މިގޮތަށް ނިންމައި ރައީސް މައުމޫން އިޢުލާނު ކުރެއްވީ 17 ސެޕްޓެމްބަރު 1989 ގައި ރޭޑިއޯ އާއި ޓީވީން ފޮނުއްވި ޚިޠާބެއްގައެވެ.

ރާއްޖެއަކީ އަސްކަރީގޮތުން ވަރުގަދަ ޤައުމަކަށް ނުވެފައި، އެފަދަ ޙަމަލާއަކަށް ދިވެހި އަސްކަރިއްޔާއިން ތައްޔާރުވާނެ ވަގުތުވެސް ނުލިބި ކުށްލިއަކަށް ދިން މިޙަމަލާއިން ދިވެހިންނަށް ލިބިގެންދިޔަ ނަސްރަކީ ޙަޤީޤަތުގައިވެސް އަޖާއިބު ކުރަނިވި ކަމެކެވެ.

ޤައުމާއި، އިސްލާމްދީނާމެދު ދިވެހިންގެ މެދުގައި އޮންނަ އިޚްލާސްތެރިކަން މިފަދަ ކޮންމެ ހާދިސާއަކުންވެސް އެނގި ހާމަވެގެންދެއެވެ. ދިވެހިން މި ބިރުވެރި ދަނޑިވަޅުގައި ރައްކާތެރިކަމަށް އެދުނީ މާތްﷲގެ ހަޟުރަތުންނެވެ. ދިވެހިންނަށް ލިބުނު ނަޞްރަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ. މިއީ ހުރިހާ ދިވެހިން ހިއްޞާވާ ޤައުމީ ކާމިޔާބީއެކެވެ.