ޚަބަރު

ނަސްރުގެ ދުވަހުގެ ދިިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި


ރާއްޖޭގެ 33ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޝަހީދުންގެ ބިނާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988ވަނަ އަހަރު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ އަރައި ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ގާޑް މޮމެންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި ސިފައިންގެ ޢަޒުމް އާކޮށް ޝަހީދުވި ސިފައިންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މީގެ އިތުރުން ދުވަހާއި ގުޅޭ ޚާއްސަ ދުޢާއެއްވެސް ވަނީ ކޮށްފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި މިއަދު ކުރި ފަތިސް ނަމާދަށްފަހުއެވެ.

ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާއި ގުޅިގެން މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

ނަސްރުގެދުވަހުގެ ގޮތުގައި 3 ނޮވެމްބަރު ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.