ޒުވާނުންނަށް ޚާއްސަކޮށްގެން ރައްޔިތުންގެ މަޖިލީހުން ފެށުމަށް ތައްޔާރުވާ "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ދެ ބައެކެވެ. އެއީ "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތް" އަދި "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"އެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަޤާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ އުއްމީދަކީ ޒުވާނުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ޤައުމުގެ އެކިއެކި ނިންމުންތަކުގައި ބައިވެރިވެ، މުޖުތަމަޢުއަށް ފައިދާހުރި ބަދަލުތަކެއް ގެންނަން އެކީ މަސައްކަތްކުރުމަށް ހިތްވަރުދިނުންކަމަށެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރަނގަޅަށް ދެނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރުދިނުމާއި، ޕޮލިސީތަކުގައި ހުންނަ އުނިކަންކަން ދެނެގަނެ، ރަނގަޅު ބަދަލުތަކެއް ގެނައުމަށް އެކީ މަސައްކަތް ކުރުމަކީ މި ޕްރޮގްރާމުގެ ތެރެއިން ހާޞިލުކުރަން ބޭނުންވާ ކަންތައްތަކެއްކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެއެވެ.
Call for Applications Open for Practice Parliament for Youth
— People's Majlis (@mvpeoplesmajlis) November 3, 2021
Interested applicants can apply to participate at: https://t.co/J42AwbtmEZ#Maldives @UNDPMaldives pic.twitter.com/qWw3Xy1zHJ
މި ޕްރޮގްރާމުގެ ތެރެއިން ޕޮލިސީތަކާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވހި ޒުވާނުންނަށް ހުޅުވާލާފައިވާއިރު، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހެވެ.
"ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތް"ގައި ބައިވެރިވުމަށް ބޭނުންވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ޖާގަ ކަނޑައެޅިފައިވާކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެއެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތައް މިސާލަކަށް ތަރުޖަމާކުރާނެ ފަރާތެއް ނުވަތަ އިޝާރާތުން ވާހަކަދައްކާ ފަރާތެއް ބޭނުންވާނަމަ، އެކަން ފާހަގަކުރުމުން، އެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށްވެސް މަޖިލިސް އިދާރާއިން ވަނީ ވިދާޅުވެއެވެ.
މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 5 އިން 9 އަކަށް މާލޭ ސިޓީގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިގެންދާނީ ޝަރުތު ހަމަވާ ފަރާތްތަކާ ފޯނުން އިންޓަރވިއުކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 40 ފަރާތަކަށްކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެއެވެ.