ޚަބަރު

ފާރމަސީތަކުގައި އަސާސީ ބޭސްތައް ލިބެން ނެތްނަމަ ފިޔަވަޅު އަޅަނީ


ފާރމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެފްޑީއޭއިން މިގޮތަށް އިލްތިމާސްކުރެއްވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާތީއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ އަސާސީ ބޭސްތައް ފާރމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ޤަވާއިދާއި ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

އެމްއެފްޑީއޭއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ ފާރމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއެކު ލިބެންޖެހޭ ބޭސްތަކެއްކަމަށެވެ. އެހެން ކަމުން އެއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. އަދި އެ ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން ( ޕީ އޯ އެމް ) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯ ޓީ ސީ ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ފާރމަސީ ތަކުގައި އަސާސީ ބޭސް ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ހުށައެޅުމަށްވެސް އެ އޮތޯރިޓީން ފާމަސީތަކަށް ވަނީ އަންގާފައެވެ.

ފާމަސީތަކުން އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައިވާއިރު ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅައި އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ވަނީ ނިންމާފައެވެ.

ބޭސްވިއްކޭނޭ އެންމެ ކުޑައަގު ނުވަތަ އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާޚަރަދު ކުޑަކޮށް އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަން ތަންފީޒުކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އެމް.އާރް.ޕީ ކަނޑައެޅިގެން ދާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ 357 ޖެނެރިކްގެ ބޭހަށް އެކަންޏެވެ. އަދި 2022ވަނަ އަހަރުގެ މެދުތެރޭގައި އެސެންޝަލް މެޑިސިން ލިސްޓުގައި ނުހިމެނޭ ހުރިހާ ބޭހަކަށް އެމް.އާރް.ޕީ ކަނޑައަޅަން ވަނީ ނިންމާފައެވެ.