ޚަބަރު

ބަޖެޓް ބަހުސް ފަށައިފި، އަމާޒަކީ ބުދަ ދުވަހުގެ ރެއަށް ބަހުސް ނިންމުން


އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ ބަހުސް މަރުހަލާ މަޖިލީހުގައި ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، ބަޖެޓް ދިރާސާ ކުރެއްވުމަށް މެމްބަރުންނަށް 7 ދުވަސް ދިނުމަށްފަހު ބަޖެޓް ބަހުސް ފަށައެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރުމަށް ބޭނުންވާ މެމްބަރުންނަށް މާދަމާ މެންދުރު 12 ޖެހުމުގެ ކުރިން ރިޔާސަތުގައި އެދުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މަޖިލީހުން އަމާޒު ހިފާފައިވަނީ ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބަޖެޓްގެ ބަހުސްއަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވާއިރު، ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ. ބަޖެޓްގެ ކޮމެޓީ މަސައްކަތްވެސް މިއަދު ފެށިގެންދާނެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.