ޚަބަރު

ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފި


ހދ.ނޮޅިވަރަމާއި އެއަތޮޅު ނޮޅިވަރަންފަރާ ދޭތެރެއިން މަހަށް ނުކުމެއުޅުނު ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑިއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިޙާދިސާ ހިނގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރުއެވެ. މިގޮތުން ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައިވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާ ދޭތެރޭ ޑިންގީއެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކްރާފްޓް ލޯންޗްގައި ތިބި ސިފައިން ވަނީ ޑިންގީގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ.

އަދި އެނބުރި އެޑިންގީ އޮތް ސަރަހަށްދަށް ގޮސް ލޯންޗް ފުށުން ޖަހައި ކަފުޖަހައިގެން ނޮޅިވަރަމަށް ގެންގޮސްދީފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވެއެވެ.