ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދުގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާ


ދިވެހި ބަހާއި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ސަރުކާރުން ދެއްވާފައިވާ މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މުޙައްމަދު ރަޝީދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުޙައްމަދު ރަޝީދަކީ ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއްކަމަށެވެ. ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްވެސް ވަނީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ކޮޕީ މުޙައްމަދު ރަޝީދުގެ ޢާއިލާއަށް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ގިނަ ޢާންމުންވެސް ދަނީ ތައުޒިޔާ ދަންނަވަމުންނެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމާއި، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.