ޚަބަރު

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި


ގިނަ އަހަރުތަކެއް ވަންދެން ދިވެހި އަދަބިއްޔާތައް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވައިފިއެވެ.

މި ދަފުތަރުގައި ސޮއިކުރެއްވުން މިމަހުގެ 30ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 13:30ށް ކުރިއަށްދާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ ވިދާޅުވެފައެވެ. ދަފްތަރުގައި ބަހުގެ އެކަޑަމީގެ ބޭފުޅުންނާއި، ދައުލަތުގެ އިސްބޭފުޅުންވެސް ދަނީ ސޮއި ކުރައްވަމުންނެވެ.

މއ.ކޮޕީގެ، މުޙައްމަދު ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށެވެ. ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމުގެ އިތުރުން، ޅެންހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ދާދިފަހަކާއި ޖެހެންދެންވެސް އެމަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށް ވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020 ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

މުޙައްމަދު ރަޝީދުގެ އިތުރުން އޭނާގެ ބޭފުޅުންގެ ތެރޭގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނުވެރިން ހިމެނެއެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީއިއްސެ) އަދި މަޝްހޫރު ލަވަންކިޔުންތެރިޔާ ޔާމީން ރަޝީދަކީވެސް ކޮޕީ މުޙައްމަދު ރަޝީދުގެ ބޭފުޅުންނެވެ.