ރީތިރަށް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.އަލިފާން ރޯވެ އަނދާފައި ވަނީ "ސިރިއަސް 19 " ލޯންޗުގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ރީތިރަށް ރިސޯޓާއި 4 ނޯޓިކަލް މޭލު ބޭރުން މި ލޯންޗުގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެދުނު 7:50 އެހާކަންހާއިރުއެވެ. އަލިފާން ރޯވިއިރު ލޯންޗުން ދަތުރު ކުރަމުން ގެންދިޔައީ ތިން ފަޅުވެރިން ކަމަށާއި، އެ އެންމެންވެސް ސަލާމަތުން މާލެ ގެނެވިފައި ވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ރޭގެ ވަގުތެއްގައި މަހަށް ނުކުމެ އުޅުނު ކަނޑުހުޅުދޫ ދޯންޏެއް ފަޅައިގެންގޮސް ދިޔަވާންފެށުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީގައި އެދޯނި ވަނީ ސަލާމަތް ކޮށްފައެވެ. "ސީހޯސް 2" ނަމަކަށްކިޔާ މި ދޯނި ދިޔަވާންފެށީ މަހަށް ނުކުމެ އުޅެނިކޮށް ދޯނީގެ ބޭރުން ޖަހާފައިހުރި ފައިބަރުގަނޑު ފަޅައިގެން ދިއުމުން ކަމަށް ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ. އަދި އެމްއެންޑީއެފްގެ އެހީގައި ދޯނީގެ ފަޅުވެރިންނާއި ދޯނީގެ ހުރިހާ ސާމާނާއި އެކު ސަލާމަތުން ދޯނި ވާދޫއަށް ގެންގޮސްފައިވާކަމަށް އެދޯނީގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ. މިއީ ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ 67 ފޫޓުގެ ދޯންޏެކެވެ.