ފުލުހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ގުޅިގެން ގާނޫނީ ގޮތުން ހޯމް މިނިސްޓަރު ކަނޑައެޅުން ލާޒިމުކުރާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓް ކަނޑައަޅުއްވައި އެއަށް އަމަލުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއަށް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އަންގަވައިފިއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ކަނޑައަޅަން މިނިސްޓަރުގެ މައްޗަށް އޮންނަ އެ ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް މިއަދު ކަނޑައަޅައި ނިންމައި އެޔަށް އަމަލުކުރަން ކޮމިޝަނަރަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރިކުއާމަންޓްތައް ކަނޑައެޅުމުގައި މިނިސްޓަރު ބެއްލެވީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ރޫހަށާއި، އެ ޚިދުމަތް މިހާރު ހުރި ހާލަތާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ހުރި އެކިކަހަލަ ގޮންޖެހުންތަކަށާއި ކުށުގެ މާހައުލަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.
އަދި ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ކަންކަން ޕްލޭންކޮށް ރޭވުމުގައި އެ ކަނޑައެޅި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓަށް އަމަލުކޮށް އޭގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުމަށް ވެސް ހޯމް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރަށް އަންގާފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީން ވިދާޅުވީ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓުގައިވާ އަމާޒަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ބައްޓަންކުރުމުން ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ، ރާއްޖޭގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ މުޖުތަމައުގެ އަމާންކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެކަމަށެވެ.
އަދި އެހެން އާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓެއް މިނިސްޓަރު ކަނޑައަޅުއްވަންދެން ފުުލުހުންގެ މަސައްކަތާއި ގުޅޭ ގޮތުން ސަރުކާރުން ދޭ އިރުޝާދުގެ ގޮތުގައި މިފަހަރު މިނިސްޓަރު އެ ކަނޑައެޅުއްވި ރިކުއާމަންޓްތަކުގައި ބަޔާންކުރާ ކަންކަން ބެލުމަށް މިނިސްޓަރ ވަނީ އަންގަވާފައެވެ.