78.9 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހއ.ވަށަފަރުގައި ސަރުކާރުން ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމް އެޅުމުގެ މަސައްކަތުގެ ދަށުން ހޮޅި ވަޅުލުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް އާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އާއި ވަށަފަރު ކައުންސިލްގެ ރައީސް އަޙްމަދު މުއީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވަށަފަރުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީ މިހާތަނަށް އެ ރަށުގައި ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ބޮޑު ބަޖެޓަކާއެކު ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމް ހިންގާއިރު ކޮންމެ ގެއަކަށް 5 ލައްކަ ރުފިޔާ މި މަޝްރޫއުގެ ދަށުން ޚަރަދުވާކަމަށެވެ. މީގެއިތުރުންވެސް ތަރައްގީގެ އެހެން މަސައްކަތްތައް އެރަށުގައި ރާވާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަރަށް އަވަހަށް މި ރަށުގައި އޭޓީއެމްއެއް ބަހައްޓާނެ.
ކުނި މެނޭޖްކުރުމަށް ކުނި ކޮއްޓެއް އަޅާނެ . ޒުވާނުންނަށް ފުޓްސަލްއެއް އަޅާނެ. އެމްބިއުލާންސްވެސް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް. ހައި ސްޕިޑް ފެރީގެ ސަބަބުން މިހިސާބުގެ ތަރައްޤީ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ."ކެލާ ދާއިރަގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހް ވަނީ ސާފު ބޯފެން ލިބުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވައި ރައްކާތެރި ސާފު ބޯފެން ލިބެން ނެތުމުގެ ސަބަބުން ތަފާތު ބަލިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާފައެވެ. ކޯވިޑްއާ ގުޅިގެން ގޮންޖެހުނަތަކެއް ދިމާވިނަމަވެސް މިހާރު ރަށްރަށަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ ގެނެސް މިހާރަށްވުރެ ބާރު ދުވެލީގައި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ޝާހް ވިދާޅުވިއެވެ.
"ގޮންޖެހުންތައް ދިމަވޭ. މި ވަޅުލަނީ 40 ކަށް އަހަރަށް ދިގުދެމިގެންދާނެ ހޮޅިތަކެއް. ކޮނެގެން ވަލުލައިފައި އެތަކެއް ކޭބަލްތަކެއް އެބަހުރި. އެއަށް ގެއްލުން ނުވާނެފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދާނީ"އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ.
އެ ރަށުގައި ކުރިއަށްގެންދާ ފެނުގެ ނިޒާމްގެ މަޝްރޫޢުގެ ދަށުން އަޅާ އާރްއޯ ފެސިލިޓީ ބިލްޑިން އެޅުމުގެ 21 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 7.5ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއްވެސް ޤާއިމްކުރާނެއެވެ. ވަށަފަރުގެ 160 ގޭބިސީއަަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާއިރު ފެން ފޯރުކޮށްދިނުމަށްޓަކައި 2 އާރްއޯ ޕްލާންޓް އަޅާނެއެވެ. އަދި ފެން ރައްކާކުރުމަށް 295 ކިއުބިކް މީޓަރުގެ 2 ޓޭންކް ބެހެއްޓުމާއި ވާރޭފެން ރައްކާކުރުމަށް 850 ކިއުބިކް މީޓަރުގެ ޓޭންކެއްވެސް ބަހައްޓާނެއެވެ. މީގެ އިތުރުން ރެއިންވޯޓަރ ހާވެސްޓިންގ ސިސްޓަމްއެއް ޤާއިމްކުރުމާއި 2 ބޯހޯލް ތޮރުފުމާއި 1 ބްރައިން އައުޓްފޯލްވެސް ޤާއިމްކުރާނެއެވެ.
ވަށަފަރުގައި ކުރިއަށްގެންދާ ނަރުދަމާ އެޅުމުގެ މަސައްކަތުގެ ދަށުން 6.1 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް 160 ގޭބީސީއަށް ހައުސް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި 4 ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި 1 ސީ އައުޓްފޯލް އެޅުމާއި 2.7ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރާނެއެވެ.
ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. މި މަސައްކަތަށް 78.9 މިލިޔަން ރުފިޔާ ޚަރަދުކުރާއި މުޅި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.