ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ކްލައިންޓުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާ ލިބޭ ފަރާތައް ރައްކާތެރިކަމުގެ އަމުރު ލިބުމުގައި ގިނަވަގުތު ހޭދަކުރުންކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
"ކޮމްބޭޓިން ޓޮމެސްޓިކް ވައިލަންސް އެންޑް ޖެންޑަރ ބޭސްޑް ވައިލަންސް ،ޓްރެއިނިން އޮފް ޓެރެއިނާސް އެންޑް ވަރކިން ސެޝަން"ގެ ނަމުގައި ފެށި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޒިފްލީނާ ވަނީ ގެވެށި އަނިޔާގެ މައްސަލަތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖެންޑަރ މިނިސްޓްރީއާއި ފެމެލީ ޕްރޮޓެކްޝަން އޮޓޯރިޓީ އާ ގުޅިގެން 5 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވަނީ ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތަކަކީ ޤާނޫނީ ކުށެއްކަން ފާހަގަކުރައްވާ އެފަދަ ކަންކަމަކީ އިންސާނީ ޙައްޤުތަކަށް ފުށުއަރާ ދަށުދަރަޖައިގެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ތެރޭގައި މިފަދަ މައްސަލަތައް ހިނގާއިރުވެސް ބައެއް ފަރާތްތަކުން އަޅާނުލުމާއި މިފަދަ އެތަކެއް ސަބަބުތަކާހުރެ އަނިޔާ ލިބުނުކަން ކަށަވަރުކުރިނަމަވެސް ރައްކާތެރި މާހައުލަކަށް ދާން އަނިޔާ ލިބޭ ފަރާތްތަކުން ބައެއް ފަހަރު ބޭނުން ނުވާކަމަށެވެ.
ޒިފްލީނާ ވިދާޅުވީ އެ މިނިސްޓްރީއަށް ހުށައެޅޭ ގެވެށި އަނިޔާގެ މައްސަލަކުގައި މސައްކަތް ކުރާއިރު ކްލައިންޓުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކުރުމުގެ އަމުރު ލިބުމުގައާއި ވަރިވުމަށް އެދޭ ހާލަތުގައި އެކަންތައް ދިގުދެމިގެން ދިޔުންކަމަށެވެ. މިކަމުގެ ސަބަބުން އަނިޔާވެރިކަމުގެ ތެރޭގައި އުޅުމަށް މަޖުބޫރުވެގެން ދާކަމަށާއި ގެވެށި އަނިޔާ މާނަކުރުމުގައިވެސް ފުށު އެރުންތައް އުޅޭކަމަށެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒްކޮށް އަނިޔާ ލިބޭމީހުންނަށް އިންސާފު ހޯދައިދިނުމުގައި ކޭސް ވޯކަރުންގެ ދައުރު ބޮޑުކަމަށާއި ރައްކާތެރިކަމުގެ ޕްލޭންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ތަންފީޒްކޮށް އަވަހަށް ހޯދަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަނިޔާގެ ޢަމަލު ހުއްޓޭނެކަމަށް ޤަބޫލުކޮށް ނުވަތަ ދަރިންގެ ޙައްގުގައި ނުވަތަ މާލީ ގޮތުން ދަތިވުމާއެކު އަނިޔާގެ ތެރޭގައި ހުރުމަށް މަޖުބޫރުވޭ. މި ނަޒަރިއްޔާތު ބަދަލުކުރުމަކީ އަހަރުމެން އެންމެންގެ ޒިންމާއެއް." ޖެންޑަރ މިނިސްޓްރީގެ ސްޓޭޑް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވިއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގެ ހަރަކާތްތެރިވާ ކޭސް ވޯކަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްއަކީ ކޭސް ވޯކަރުންގެ މަޢުލޫމާތާއި ހުނަރު އިތުރުކުރުމަސް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާންއެކެވެ. އަދި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ޝިކާރައަށްވާ މީހުންނަށް ރައްކާތެރިކަން އަވަހަށް ފޯރުކޮށްދޭނެ އިންތިޒާމްތައް ތަރުތީބުކުރުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ. މި ޕްރޮގްރާމްގައި މިފަދަ މައްސަލަތަކުގައި މަސައްކަތް ކުރާ 19 މުވައްޒަފުން ބައިވެރިވެއެވެ.