ޚަބަރު

ފުއްގިރީގެ މައްސަލާގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

މާދަމާ ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ތާވަލްކޮށްފައިވަނީ ހެދުނު 9:00 އަށެވެ. މާދަމާގެ އަޑު އެހުމަކީ ރ.ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެކެވެ.

މަނީލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އިތުރު މައްސަލަތަކެއްގެ ޝަރީއަތް ކޯޓުތަކުގައި ހިނގާތީ އެމަނިކުފާނު ފުރުން މަނާކޮށް 7 ދުވަހުގެ އަމުރެއް ވަނީ ނެރެފައެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމާއެކު، ޖޫރިމަނާގެ ހުކުމެއް އަންނާނެއެވެ.