ޚަބަރު

ރާއްޖެއިން އިތުރު 116 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 116 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 116 މީހުންނެވެ. މީގެތެރެއިން 81 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 25 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 6 މީހަކާއި ސަފާރީތަކުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު މިވަނީ 92095 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1739 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 102 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90205 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،179 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓް "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.