ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ ކޮލެޖްތަކާއި މަރުކަޒުތައް އަލުން ރަޖިސްޓްރީކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި އަހަރު އަމަލުކުރަން ފެށި މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެކުލަވާލައި، މިމަހު އާންމުކުރި "މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ޤަވާއިދު" އާއި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ޤަވާއިދު" ގެ ދަށުން ކޮލެޖްތަކާއި މަރުކަޒުތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ޤަވާއިދުތަކަށް އަމަލުކުރަން ފެށުމާއެކު، މިހާރުވެސް އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކޮލެޖުތަކާއި މަރުކަޒުތަކުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ އާކުރަން ޖެހޭނެކަމަށެވެ. ނަމަވެސް އަލުން ރަޖިސްޓްރީ ކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށާއި ފީ ނަގާނީ އަލަށް ރަޖިސްޓްރީ ކުރާނަމަ އެކަނި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާނުކުރާ ތަންތަން ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން، ކޮލެޖްތަކާއި މަރުކަޒުތަކުގެ ދަފްތަރުން އުނިކުރާނެއެވެ.
ރާއްޖޭގައި މިހާރު ވަނީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނެއް އެކުލަވާލާފައެވެ. މެއި މަހުގެ 16 ވަނަ ދުވަހު ތަސްދީޤުކުރެއްވި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތަޢުލީމާއި ތަމްރީނު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ، މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުންވެސް މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިފަދަ ޤާނޫނެއްގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ. މީގެ އިތުރުންވެސް މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.