ޚަބަރު

ރޭޕްގެ ކުށް ތަފްސީލުކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި


ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުގެ ތެރޭގައި، ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްޞީލު ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް މުހިންމު އިޞްލާޙުތަކެއްވަނީ ގެނެސްފައެވެ.

ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.