ޚަބަރު

ޕާކިން ސްލޮޓްތަކުގެ ގުރުއަތުގެ ނެގުމުގެ މައްސަލަ އޭސީސީއަށް


މާލޭ ސިޓީގައި ހުރި ޕާކިން ޒޯންތައް ކުއްޔަށް ދިނުމަށް ގުރުއަތު ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކޮށްފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށައަޅައިފިއެވެ.

މާލެ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތަކާއި ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާކިން ޒޯންތަކުން 211 ޖާގައެއް ވަނީ މާލޭ ސިޓީން ކައުންސިލުން ކަނޑައަޅާފައެވެ. އަދި މި ތަންތަން ކުއްޔަށް ނެގުމަށް 969 ފަރާތަކުން ހުށައެޅުމުން އެތަން ދޭނެ ބަޔަކު ސިޓީ ކައުންސިލުން ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ.

ގުރުއަތު ނެގުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ސިޓީ ކައުންސިލުން އަމަލުކޮށްފައިވާކަމަށް ބުނެ މައްސަލައެއް ހުށައަޅާފައިވާކަމަށް އެސީސީން ވިދާޅުވެއެވެ. އަދި ގުރުއަތު ނެގުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތާއިމެދު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އެގޮތުން ގުރުއަތު ނެގުމަށް ބައެއް ފަރާތަކަށް ދޫކުރި ސްލިޕްގައި އެއްވެސް ނަމްބަރެއް ނެތް މައްސަލަވެސް ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށްވެސް ސްލިޕެއް ހަވާލުކުރި ކަމަށެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރު ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

10 ސަރަހައްދަކުން ޕާކިން ޒޯން ކުއްޔަށް ދޫކޮށްފައި ވަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ. މި ތަންތަން ކުލީގެ ގޮތުގައި 25،000 ދައްކަންޖެހެވެ. އަދި އެ އުޅަނދެއް ދެމި އޮތްހާދުވަހަކު މި ތަން އޮންނާނީ ކުއްޔަށް ނަގާ ވެހިކަލެއްގެ ނަން މަތީގައެވެ.