ޚަބަރު

އެޗްޑީސީގެ ބިންތައް ނަގަން، މާލޭ ސިޓީ ކައުންސިލުން ނިންމުމާއެކު ނުތަނަވަސްކަން!


ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއް ކަމަށާ، މިކަމުގައި ލިބޭ ގެއްލުމުގެ ބަދަލުހޯދަން ކޯޓަށް ދާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވްކޯލިޝަނުން ހުކުރު ދުވަހުގެރޭ ހުޅުމާލޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާއަށް ދުރާލައި އެޗްޑީސީން ނަގަންޖެހޭ ހުއްދަ ނުނަގައި ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމުން އެޗްޑީސީންވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްޑީސީސީން ވިދާޅުވީ މިފަދަ ޙަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށަހަޅައިގެން އެހެން ފަރާތްތަކުންވެސް ޢަމަލުކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް ޢަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީގެ އިލްތިމާސާއިއެކު ހުޅުމާލޭގެ މިލްކުވެރިކަން މާލެ ސިޓީ ކައުންސިލަށް

އިދިކޮޅު ޖަލްސާ ހިޔާ ފްލެޓް ސަރަޙައްދުގައި ބޭއްވުމަށް އެޗްޑީސީން ހުއްދަ ނުދިނުމުން މާލެ ސިޓީ ކައުންސިލުންވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް އެޗްޑީސީއަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާޠިލްކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން އެ ނިންމުން ނިންމިއިރު ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ އެޗްޑީސީންނެވެ.

ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިޚުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ ޢާންމު ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބުމުންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މިމައްސަލައަށް ރައީސް އޮފިހާއި އެލްޖީއޭއިންވެސް އަދި މަޖިލީހުންވެސް ހައްލު ހޯދަން ކުރި މަސައްކަތަށް އިޖާބަ ލިބިފައިނުވާކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް އެޗްޑީސީން ދައުވާ ކުރާނީ

ކުއްލިގޮތަކަށް އެޗްޑީސީގެ މިލްކުގެ ދަށުގަވާ ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއް ކަމަށާ، މިކަމުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއްކަމަށެވެ. އެ ކުންފުންޏަކީ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަޚުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާޠިލްކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ޤާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫންކަމަށާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުންނެތި ނެގުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ނިގުޅައިގަތުންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެޗްޑިސީއަށް ލިބިފައިވާ އެންމެހައި ހައްޤުތަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދި، މިކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ވާހަކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ޤާނޫނުގައި ބުނަނީ ކީކޭ؟

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލާއިއެކު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ލިބިދީފައެވެ. ލާމަރުކަޒީ ޤާނޫނުގެ 2-56ވަނަ މާއްދާގައި ވާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމުގައެވެ.

ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީވެސް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.