ޚަބަރު

އިޚްތިޞާސްގައި ހިމެނޭ ކަންކަމަށް އެއްވެސް ބަޔަކަށް އަރައި ނުގަނެވޭނެ: ޑރ.މުއިއްޒު


މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމަށް އެހެން އެއްވެސް ބަޔަކަށް އަރައި ނުގަނެވޭނެކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުން ކައުންސިލުގެ އިޚްތިޞާސްގައި ހިމެނޭ ކަންކަން ކަނޑައަޅާފައިވާކަމަށާ، ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ޤާނޫނީ ޒިންމާ އަދާކުރުމަށް ކަމަށެވެ.

ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ދަށުގައި ހިމެނޭ ތަނެއްކަމަށާ، ހުޅުމާލޭގެ މުސިޕަލް ޚިދުމަތްތަކާއި އަދި އެނޫންކަންކަން ކުރުމުގެ ބާރުވެސް ޤާނޫނުން މާލެ ސިޓީ ކައުންސިލަށް ލިބިދީފައިވާކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މިއަދު މާލެ ސިޓީ ކައުންސިލާ ޙަވާލު ކުރިނަމަވެސް ކައުންސިލުން އޮތީ ޙަވާލުވާން ތައްޔާރަށް ކަމަށެވެ.

ނަމަވެސް މަސައްކަތް ހަވާލުކުރާއިރު، ބޭނުންވާ ބަޖެޓުވެސް ސަރުކާރުން ހަމަޖައްސަން ޖެހޭކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލާއި އެޗްޑީސީގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އިދިކޮޅު ޖަލްސާ ހިޔާ ފްލެޓް ސަރަޙައްދުގައި ބޭއްވުމަށް އެޗްޑީސީން ހުއްދަ ނުދިނުމުން މާލެ ސިޓީ ކައުންސިލުންވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކޮށްފައެވެ.

ކުއްލިގޮތަކަށް އެޗްޑީސީގެ މިލްކުގެ ދަށުގަވާ ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއް ކަމަށާ، މިކަމުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.