ޚަބަރު

ޖަލުތަކުގައި ތަހުގީގެއްނެތި ތިބި މީހުންގެ މައްސަލަތައް އަވަސްކުރަންޖެހޭ : އދ


ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބި ތަންތަނުގެ ޙާލަތު ބެލުމަށް 10 ދުވަހުގެ ތަހުގީގެއް ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެކޮމެޓީގެ ޗެއަރ ޑރ.އެލީނާ ސްޓެއިނާޓް ވިދާޅުވީ ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ޖަލުތަކުގައި ޝަރީޢަތެއް ނެތި 4 އަހަރު ވަންދެންވެސް ބައެއް މީހުން ތިބިކަމަށާ، މިމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް، ޝަރީއަތް އަވަސް ކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

ހަމަ މިއާއެކު ޖަލުތަކުގައި ތިބި ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ހައްގާއި، ބޭސް ފަރުވާގެ ޚިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖަލުތައް ފުރިބާރުވެ އެކަށީގެންނުވާވަރަށް ޖަލުގޮޅިތަކުގައި މީހުންތިބި ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިޕްރެސް ކޮންފަރެންސްގައި އެލީނާ ވަނީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކަރެކްޝަނުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ތަންފީޒީ އިދާރާތަކުގެ ތެރެއިން ފުލުހުންގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަކީވެސް އދ.އާއި އެނޫންވެސް ބައިނަލް އަގުވާމީ މުޢާހަދާތަކުގައި ވާގޮތަށް ހައްގުތައް ކަށަވަރުވެގެންވާ ބަޔަކަށްވާއިރު އެމީހުންގެ ހައްގުތައް ނުގެއްލޭގޮތަށް ޖަލުތަކުގެ ހާލަތު ބަދަަލުކުރަންޖެހޭކަމަށް އެލީނާ ވިދާޅުވިއެވެ. ޖަލުތަކާއި ކ.ގުރައިދޫ މަރުކަޒާއި ރީހެބިލިޓޭޝަން ސެންޓަރުތައް ހިމަނައިގެން 14 ފެސިލިޓީއެއް ބަލައި 85 މީހަކާ މި ވަފްދުން ވަނީ ބައްދަލުކޮށް ރިޕޯޓެއް އެކުލަވާލާފައެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ޖަލުތަކުގައި ވަކިމުއްދަތެއް ނެތި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނަރަލް ވިދާޅުވެފައިވަނީ މިހާރު ޖަލުގައި ޝަރީއަތެއްނެތި ތިބި މީހުންނަކީ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.

ޖަލުތަކުގެ ޖާގަ ބޮޑުކުރުމަށްޓަކައި ހދ.ނޭކުރެންދޫގައި ޖަލެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދެއެވެ. އަދި ހުޅުމާލޭ ޖަލުގެ ޖާގަވެސްވަނީ ވަރަށް ފަހުން އިތުރުކޮށްފައެވެ. މީގެ އިތުރުން ޖަލުތަކުގައި މަންޑޭލާ ރޫލްސް ތަޢާރަފްކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ޖަލުގެ ވަޞީލަތްތައް ޤާއިމްކޮށް، ޤައިދީންނާމެދު އަމަލުކުރުމަކީ ސަރުކާރުގެ އަމާޒެވެ.