ޚަބަރު

ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ


ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 256އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު 2:23 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލީގައި ފަރުވާ ދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ރާއްޖެއިން މިބަލީގައި 256 މީހަކު ނިޔާވެފައިވާއިރު، މިމަހުވެސް 7 މީހަކު ވަނީ ކޯވިޑް ޖެހިގެން މަރުވެފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1861 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.