ޚަބަރު

ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ޕާކިސްތާނާއެކު މަޝްވަރާކޮށްފި


ތަޢުލީމީ ދާއިރާއިން ޕާކިސްތާނާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދިޔަ އިސްލާމީ ތަޢުލީމާއި ސައިންސާއި ސަޤާފަތާބެހޭ ޖަމްޢިއްޔާ އައިސިސްކޯ ކޮންފަރެންސްގެ ހަވާސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު ޝަފްގާތު މަޙްމޫދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ ޓީޗަރުންނާއި ފެކަލްޓީ ތަކުގެ މެދުގައި ބަދަލުކުރެވޭ މުއާމަލާތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއްދީގެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދިރުވައި އާލާކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ތަޢުލީމީ ދާއިރާއިން ޢަމަލުކުރަމުންދާގޮތުގެ ތަޖުރިބާއާއި، ޑިސްޓެންސް ލާނިން އެޑިޔުކޭޝަނަށް ކެޕިޓަލައިޒް ކުރުމުގެ މުހިންމުކަން ދެފަރާތުންވެސް ހިއްސާކުރެއްވިއެވެ.

އައިސެސްކޯ ކޮންފަރެންސްގައި މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިމަތިލާން ޖެހުނު ކަންތައްތަކުގެ މަޢުލޫމާތުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ. އަދި އައިސިސްކޯ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢާއިޝަތު އާތިޔާ ނަސީރު ވަނީ ހޮވިވަޑައިގެންފައެވެ.

އައިސެސްކޯ ކޮންފަރެންސްގެ ރާއްޖޭގެ ވަފްދުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.