ޚަބަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 257އަށް އަރައިފިއެވެ.

ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން މިބަލީގައި 257 މީހަކު ނިޔާވެފައިވެއެވެ. މިމަހުގެ މިހާތަނަށް 8 މީހަކު ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1801 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މިވަގުތު ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 92،846 އަރާފައެވެ. އަދި މިހާރު ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނަނީވެސް އަތޮޅުތެރޭޣެ ރަށްރަށުންނެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.