ދިވެހި އަތްތެރިކަމުގެ މަސައްކަތުގެ ތެރެއިން ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަކީ ދިވެހިންގެ ހުނަރުވެރިކަމާއި ވައްޓަފާޅި ދައްކައިދޭ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އަދި މިއީ، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މިފަދަ ފަންނުވެރި މަސައްކަތްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންވެސް ހިއްވަރާއެކު ޙަރަކާތްތެރިވަމުންދާކަމެވެ.( ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވި ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާގައި މުހައްމަދު މާހިރު/ ފައިލް ފޮޓޯ: ރައީސް އޮފީސް )ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވިއިރު އެންމެ ގިނަ ބަޔަކު އުފާކުރި އެއްކަމަކީ، ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކު އެ ރަސްމިއްޔާތުގައި ކެޓަގަރީއަކުން އެއްވަނަ ހޯދައި އިނާމު ޙާޞިލްކުރިކަމެވެ. ޚާއްޞަ އެހީއަށް ބޭނުންވާ އެކިކަހަލަ މީހުންނަށް ހިއްވަރުދީ، އެމީހުންގެ އުންމީދު އާކޮށްދީ، އަދި އެމީހުން އެކަހެރި ނުކުރުމަކީ ތަހުޒީބުވަމުން އަންނަ ދިވެހި މުޖުތަމަޢުގެ ގިނަ ބަޔަކު އެދޭގޮތެވެ.ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ދިވެހިންގެ ފަންނުވެރިކަން ދައްކައިދޭ އެކިވައްތަރުގެ ތަކެތި ބައިވެރިކޮށްފައިވާއިރު، ލަކުޑީގެ މަސައްކަތުގެ ބައިން އެއްވަނަ ޙާސިލުކުރި ބ. ތުޅާދޫ ހިތްމަތް، މުޙައްމަދު މާހިރު މަޢުރަޒަށް ހުށަހަޅާފައިވަނީ ސަފާރީ ދޯންޏެކެވެ. މި ދޯންޏަކީ، އެންމެ ގިނަ ބަޔަކު އެ މަސައްކަތަކަށް ތަޢުރީފުކުރި އެއް މަސައްކަތެވެ. ހިތްގައިމު ގޮތަކަށް ފަރުމާކޮށްފައިވާ މި ސަފަރީ ދޯނިން ދިވެހި އުފެއްދުންތެރިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ކިތަންމެ ފުރިހަމައަކަށްވެސް ދައްކުވައިދެއެވެ.( އެކްސްޕޯ 2015 ގައި ބައިވެރިކުރުމަށް މާހިރު ހަދާފައިވާ ސަފާރީ ދޯނި / ފޮޓޯ: ޕީ.އެސް.އެމް ނިއުސް )ބ. ތުޅާދުއަށް އުފަން މުޙައްމަދު މާހިރަކީ މީގެ 15 ވަރަކަށް އަހަރުކުރިން އޮޑިދޯނިފަހަރުގައި ޙަރަކާތްތްތެރިކަމާއެކު މަސައްކަތް ކުރަމުން ދިޔަ މުރާލި މީހެކެވެ. ނަމަވެސް ނަވަރާ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ދިމާވި ޙާދިސާއަކާ ގުޅިގެން މާހީރު ވަނީ ހިނގާބިނގާވެ ނުޅެވޭ މީހަކަށްވެފައެވެ. އެ ޙާދިސާއަކީވެސް ދޯންޏެއްގެ ކަމެއްގައި އުޅުމުގެ ތެރޭގައި ހިނގި ޙާދިސާއެކެވެ. މިކަމާ ގުޅިގެން އާމްދަނީ ހޯދޭނެ އިތުރު މަގެއް ހިޔާރުކުރުމުގެ ގޮތުން މާހިރު ވަނީ ގޭގައި އިނދެގެން ލަކުނޑީގެ އެކި ކަހަލަ މަސައްކަތް ކުރަން ފަށާފައެވެ. ( މާހިރު ދޯންޏެއް ހެދުމުގެ މަސައްކަތުގައި / ފޮޓޯ: މާހިރުގެ ޢާއިލާ )އޭނާ މި މަސައްކަތް ކުރަން ފަށާފައިވަނީ އެއްވެސް މީހެއްގެ ފަރާތުން ތަމްރީނެއް ހޯދުމެއް ނެތި އަމިއްލަ ހިއްވަރުންނެވެ. އަދި އޭރުއްސުރެ މެދުކެނޑުމެއް ނެތި އޭނާ ދަނީ މި މަސައްކަތްކޮށް، އެކަމުން އާމަދަނީ ހޯދަމުންނެވެ. މިފަހަރުގެ އެކްސްޕޯ މޯލްޑިވްސް 2015 ގައި މާހިރު ތައްޔާރުކުރި ސަފާރީ ދޯންޏަކީ ތިންމަސް ދުވަހުން ތައްޔާރުކުރި ދޯންޏެކެވެ. ގާތްގަނޑަކަށް 4 ފޫޓްގެ މި ސަފާރީ ދޯންޏަކީ މިފަދަ މަޢުރަޒަކަށް އޭނާ ތައްޔާރުކުރި ފުރަތަމަ ދޯންޏެވެ. މާހިރު މަޢުރަޒް ހުޅުވުމުގެ ރަސްމިއްޔާތު ނިމުމާއެކު ވަނީ ޢާއިލާގެ މެންބަރުންގެ ގާތަށް ރަށަށް ގޮސްފައެވެ. މާހިރު މި މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ޕީ.އެސް.އެމްއަށް ކިޔައިދެމުން އޭނާގެ ޢާއިލާ މެމްބަރަކު ބުނިގޮތުގައި އެކްސްޕޯގައި މާހިރު ބައިވެރިކޮށްފައިވާ ދޯންޏަކީ ސީދާ އެކްސްޕޯއަށް ހާއްސަކޮށްގެން ހެދި ދޯންޏެއް ނޫންކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގެ ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް އެކްސްޕޯ އިޢުލާންކުރުމާއެކު، މި މަޢުރަޒުގައި ދޯނި ބައިވެރިކުރުމުގެ ޝަޢުގުވެރިކަން އޭނާގެ ހިތުގައި އުފެދިގެން ދިޔަކަމަަށް މާހިރުގެ ޢާއިލާއިން ބުންޏެވެ. ( މާހިރުގެ އުފެއްދުމެއް / ފޮޓޯ: މާހިރުގެ ޢާއިލާ )މާހިރުގެ ޢާއިލާއިން ބުނިގޮތުގައި މިފަދަ މަސައްކަތް ކުރުމުގައި މާހިރަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ތަކެތި ހޯދުމުގައި ދިމާވާ ދަތިކަމެވެ. ޙާއްސަގޮތެއްގައި ލަކުޑި ހޯދުމުގައި ކުރިއަށްވުރެއް މިހާރު އުނދަގޫކަން މާޙިރުގެ އާއިލާއިން ފާހަގަކުރިއެވެ. މި މަސައްކަތަކީ މާހިރު ވަރަށް ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެއްކަން އޭނާގެ ޢާއިލާއިންވެސް ފާހަގަކުރެއެވެ. އަދި މިކަމުގައި ބ. ތުޅާދޫ ރައްޔިތުން، ޚާއްޞަގޮތެއްގައި ތުޅާދޫ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަންވެސް އެޢާއިލާއިން ފާހަގަކުރެއެވެ.( މާހިރުގެ އުފެއްދުމެއް - އޭނާ ވަނީ މިފަހަރުގެ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުން ލަކުނޑީގެ މަސައްކަތުގެ ބައިން އެއްވަނަ ޙާސިލުކޮށްފައި / ފޮޓޯ: މާހިރުގެ ޢާއިލާ )އުމުރުން 54 އަހަރުގެ މާހިރު މި މަސައްކަތް ކުރަމުން ދަނީ އޯޑަރަށް ކަސްޓަމަރުން ބޭނުންވާ ފަރުމާތަކަށެވެ. އެގޮތުން މިހާތަނަށް އައިއިރު، އޭނާ ވަނީ 300 އަށްވުރެ ގިނަ ތަކެތި ހަދާފައެވެ. ވަޞީލަތްތައް ލިބެން ހުރި މިންވަރަކުން މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަން މާހިރުގެ އާލާއިން ފާހަގަކުރެއެވެ.