އިންޑިޔާގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ސިރިންޖާއި ސިރިންޖު ކަށި ހުސްވެދާނެކަމުގެ ބިރު ހީވެގެން، މިތަކެތި އުފައްދާ ކާރުޚާނާތަކުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދައަށް، ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ އަރިހުން އެދިއްޖެއެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ވައި ތަޣައްޔަރުވުން އިންތިހާއަށް ދިއުމުގެ ސަބަބުން މިދިޔަ ނޮވެމްބަރުމަހު ބަންދުކުރުމަށް އަންގާފައިވާ ކާރުޚާނާތަކުގެ ތެރޭގައި އެޤައުމުގައި އުފައްދާ ސިރިންޖާއި ސިރިންޖު ކަށީގެ 60 އިންސައްތަ އުފައްދަމުންދާ ކުންފުނި، ހިންދުސްތާން ސިރިންޖެސް އެންޑް މެޑިކަލް ޑިވައިސެސް (އެޗްއެމްޑީ) ގެ ކާރުޚާނާތައް ހިމެނެއެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ރާޖީވް ނާތު، މޯދީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކާރުޚާނާތައް ބަންދުކުރުމުގެ ސަބަބުން އިންޑިޔާގެ އެކި ހިސާބުތަކަށް ބޭނުންވާ މިންވަރަށް ސިރިންޖާއި ސިރިންޖު ކަށި ފޯރުކޮށް ނުދެވޭނެކަމަށާއި، މިކަމުގެސަބަބުން އެޤައުމުގެ ސިއްޙީ ޚިދުމަތަށާއި ބާރު ދުވެލީގައި ކުރިއަށް ގެންދަމުންދާ ކޯވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމުތަކަށް ލޮޅުން އަންނާނެކަމަށެވެ.
އެޗްއެމްޑީ އިން މީޑިއާތަކަށް ޢާއްމުކޮށްފައިވާ މިސިޓީގައި، އިންޑިޔާގެ އިތުރުން މުޅި ދުނިޔޭގެ ބާޒާރުގައިވެސް ސިރިންޖު ލިބެންހުރި މިންވަރު މަދުވަމުންދާކަން ފާހަގަކޮށް، ރާޖީވް ނާތު ބުނެފައިވަނީ، މި ޙާލަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އެކްޓުގެ ދަށުން އެކުންފުނީގެ ކާރުޚާނާތައް ހިންގުމުގެ ހުއްދަ، ރަސްމީ އިދާރާތަކުން ދޭންވާނެކަމަށެވެ.
ނިއު ދިއްލީއާއި ވަށައިގެންވާ ސަރަޙައްދުގެ ވައިގެ ފެންވަރު އެންމެ ދަށް މިންގަނޑަށް ވެއްޓުމާއިގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ސަރަޙައްދީ ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވަނީ އެސަރަޙައްދުގައި ހިމެނޭ 228 ކާރުޚާނާއެއް ބަންދުކުރުމަށް އަންގާފައެވެ. ވައިގެ ސާފުކަން އިޔާދަކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަދިވެސް ރައްކާތެރި މިންގަނޑަކަށް ވައި ސާފުނުވާތީ، ކާރުޚާނާތައް ހިންގުމުގައި ޑީސެލް ޖެނެރޭޓަރުތައް ބޭނުން ނުކުރާނެ ކަމަށާއި، ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަ ލިއްބައިދޭ މަސްދަރުތައްކަމަށް އެޗްއެމްޑީ އިން ވަނީ ބުނެފައެވެ.