ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާޢިމީ އަވަސް ޙައްލެއް ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކޮންޓްރޯލްރ އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް މަޝްވަރާ ކުރައްވައިފިއެވެ.ފުލުހުންގެ މައި އިދާރާގައި މިއަދު އޮތް މިބައްދަލުވުމުގައި، އިމިގްރޭޝަނާއި ފުލުހުންގެ އިސްވެރިން ބައްދަލުކޮށް މަސައްކަތްތައް ގެންދާނެ ގޮތެއް ކަނޑައެޅުމަށްފަހު ވީއެންމެ އަވަހަކަށް ޢަމަލީ މަސައްކަތްތަކެއް ފެށުމަށް އެއްބަސް ވެފައި ވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މީގެ އިތުރުން ފުލުހުންނާ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން ބައެއް މައްސަލަތަކާމެދުވެސް މިއަދުގެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.ރަސްމީ ލިއުމެއްނެތި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުންގެ ޤައުމަށް ފޮނުވާލުމަށް ފުލުހުންނާ އިމިގްރޭޝަން ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.