ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ މުއްދަތު ހަމަވެފައިވާ މިލިއަނެއްހާ ވެކްސިން ޑޯޒް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ނައިޖީރިއާގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ނައިޖީރިއާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނިގޮތުގައި ފާއިތުވި މުއްދަތުގައި އެޤައުމަށް ވެކްސިން ލިބުމުގައި ދިމާވި ދަތިތަކާހުރެ ފަހަކަށް އައިސް އެޤައުމުން އަންނަނީ ބައިނަލްއަޤްވާމީ ގޮތުން އެހީގެ ގޮތުގައި ލިބޭ ވެކްސިންތައް ހޯދަމުންނެވެ. އެގޮތުން މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް ހޯދާފައިވާ ވެކްސިނުގެ ތެރެއިން ބޭނުންނުކޮށްހުރި މިލިއަނެއްހާ ވެކްސިން މިހާރު މުއްދަތު ހަމަވެފައިވާކަމަށާއި، މިތަކެތި ނައްތާލުމުގެ މަސައްކަތް އެޤައުމުގެ ޑްރަގް ރެގިއުލޭޓުކުރާ އިދާރާއާއި ގުޅިގެން ކުރިއަށް ގެންދާކަމަށް ނައިޖީރިޔާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.
200 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ނައިޖީރިއާގައި ވެކްސިން ދިނުމުގެ މަސައްކަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން މީގެ ކުރިންވެސް އެޤައުމުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް އެޤައުމުގައި ވެކްސިން ޖަހާފައިވަނީ އާބާދީގެ 4 އިންސައްތަ އަށްވުރެ މަދު މީހުންނަށް ކަމަށް އޮފިޝަލުން ހާމަކުރެއެވެ. މިއާއެކުވެސް ހުޅަނގު މުއްސަނދި ޤައުމުތަކުން ނައިޖީރިއާއަށް ހަދިޔާކުރަނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ކަމަށާއި، އެތަކެތި އެތެރެކޮށްގެން ރައްޔިތުންނާއި ހަމައަށް ފޯރާއިރު މުއްދަތު ހަމަނުވެ ހުންނަނީ މަދު ހަފްތާއެއްކަމުން، ވެކްސިން ޖެހުން ކުރިއަށްގެންދިއުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ވަޒީރު އޮސާގޭ އެހްނެރޭ ވިދާޅުވިއެވެ.
މިކަމަށް ރިޢާޔަތްކޮށް މިދިޔަމަހު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއާއި އެފްރިކާގެ ޑިސީސް ކޮންޓްރޯލް ބޮޑީގެ އިތުރުން މަދަނީ ޖަމާޢަތްތައް ހިމެނޭހެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްރިކާގެ ޤައުމުތަކަށް ދެން ފޮނުވާ ކޯވިޑް-19 ވެކްސިން އެޤައުމަށް އެތެރެވާއިރު މުއްދަތު ހަމަވުމާއި ދެމެދު މަދުވެގެން 10 ހަފްތާ ހުންނަންވާނެ ކަމަށެވެ. އެހެންކަމުން މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ނައިޖީރިއާއިން ދެން ނުހޯދާނެކަމަށް އެޤައުމުގެ އޮފިޝަލުންވެސް ވަނީ ބުނެފައެވެ.
ވެކްސިން އިސްރާފުވުމާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ދުނިޔޭގެ ސިއްޙަތާބެހޭ ޖަމުޢިއްޔާއިން ވިދާޅުވީ "ކޯވެކްސް"ގެ ދަށުން ވެކްސިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރެއިން އާމްދަނީ މަދުން ލިބޭ ޤައުމުތަކުން ވެކްސިން އިސްރާފުވާލެއް ނިޞްބަތުން މަދު ކަމަށެވެ. ނަމަވެސް ނައިޖީރިއާގައި ނައްތާލަން ޖެހިފައިވާ ވެކްސިނަކީ މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ޢަދަދެއްގެ ކޯވިޑް ވެކްސިން އިސްރާފުވެގެންދިޔަ ފަހަރުކަމަށް ބޭރުގެ ނޫސްތަކުން ހާމަކުރެއެވެ.