ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތުދީފި


ޔޫތު މިނިސްޓްރީން ލ.އަތޮޅުގައި ކުރިއަށް ގެންދާ "ހަފްތާރެސް" ޕްރޮގުރާމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ނަފްސަނީ ދުޅަހެޔޮހަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ދީފިއެވެ.

ލ.އަތޮޅުގެ އެކި ރަށްތަކުން 42 ޒުވާނުންނާއެކު މިއަދު ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ކަމާގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. މިއަދުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުންނެވެ. އެގޮތުން ޒުވާން އުމުރުގައި މީހާއަށް ނަފްސާނީ ގޮތުން ކުރިމަތިވާ އެކި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މިސެޝަންތަކުގައި، ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ޒުވާނުންނަށް މައުލޫމާތު ދީފައެވެ. ޒުވާނުން ހަރުކަށި ފިކުރުގެ ތެރެއަށް ވަންނަން ދިމާވާ ސަބަބުތަކާއި، މިކަމުގެ ނުރައްކާތެރިކަމާއި، ހަރުކަށި ފިކުރުން ދުރުވުމަށް ޒުވާނުންނަށް އަދާކުރެވޭނެ ދައުރާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މިސެޝަންތަކުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވަނީ ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވުން ހުއްޓުވުމަށް ފަރުދުން ގުޅިގެން ކުރެވިދާނެ ކަންކަމަށް ބައްލަވާލައްވައި ވާހަކަދައްކަވާފައެވެ. އެދި ހަރުކަށި ފިކުރުން ސަލާމަތްވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ ޒުވާނުންކަން ފާހަގަކުރައްވައި، މިކަމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާވެސް ވަނީ މިސެޝަންތަކުގެ ތެރެއިން ހޯއްދަވާފައިވެއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާ، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހައްލު ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ހަފްތާރެސް ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މާހައުލަށް ތަޢާރަފުކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވުމެވެ.

މިޕްރޮގްރާމުގެ ތެރެއިން މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އެކުވެރި، އުފާވެރި މާޙައުލެއްގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ދިވެހި ޒުވާން މިއުޒިކުކުޅުންތެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، އެފަރާތްތަކުގެ ހުނަރު އިތުރުކޮށް، ހަފްތާރެސްގެ ތެރެއިން އެފަރާތްތައް މުޖުތަމަޢަށް ތަޢާރަފު ކުރެއެވެ. މީގެއިތުރުން މުޖްތަމަޢުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.