ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ތިބި މުވައްޒަފުންނަށް، ބޮއިންގްގެ ވެކްސިން މެންޑޭޓު އިސްތިސްނާ


އެމެރިކާގައި މަސައްކަތްކުރާ ބޮއިންގް ކުންފުނީގެ މުވައްޒަފުން، އެޤައުމުގެ ސަރުކާރުގެ ވެކްސިން މެންޑޭޓުގެދަށުން ކަނޑައަޅާފައި އޮތް ކޯވިޑް-19 ވެކްސިން ފުރިހަމަކުރުން މަޖުބޫރުކުރުމުގެ އުޞޫލަށް ޢަމަލު ކުރަން ނުޖެހޭނެކަމަށް އެކުންފުނިން ކަނޑައަޅައިފިއެވެ.

އެމެރިކާގައި ތިބި ފެޑެރަލް ކޮންޓްރެކަޓަރުންނަށް އެޤައުމުގެ ސަރުކާރުން ކަނޑައަޅާފައިއޮތް ކޯވިޑް ވެކްސިން މެންޑޭޓު މުރާޖާ ކުރަންޖެހޭކަމަށް އެޤައުމުގެ ސަރަޙައްދީ ކޯޓަކުން މި ޑިސެމްބަރުމަހު ނިންމުމާ ގުޅިގެން ބޮއިންގްއާއި އިތުރު ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ އެމެއެރިކާގައި ތިބި އެކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ވެކްސިން މެންޑޭޓަށް ޢަމަލުކުރުން މެދުކަނޑާލާފައެވެ.

ބޮއިންގްގެ އެތެރޭގެ ނިންމުމެއްގައި ބުނެފައިވަނީ ވެކްސިން ޖެހުން މަޖުބޫރު ނުކުރުމަށް ނިންމީ އެކި ސަބަބުތަކާހުރެ ވެކްސިން ޖެހުމަށް ގިނަ ޢަދަދެއްގެ މުވައްޒަފުންގެ އިޢުތިރާޟު އޮތުމުގެ ސަބަބުން މުއްދަތެއް ނޭނގޭގޮތަށް މަސައްކަތަށް ބުރޫއަރާފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އެކުންފުނީގެ މުވައްޒަފުންނަށް ލިބިފައިވާ މަސައްކަތުގެ މާޙައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދާނެކަމަށް އެކުންފުނީގެ އޮފިޝަލުން ބުނެއެވެ.

ބޮއިންގް އިން ބުނާގޮތުގައި ފަހަކަށްއައިސް ސިއްޙީ ނުވަތަ ފިކުރީ (ރިލިޖަސް) ސަބަބުތަކާހުރެ ވެކްސިން ޖެހުމުން އިސްތިސްނާވުމަށް އެދިފައިވާ މުވައްޒަފުންގެ ޢަދަދު 11،000 އަށްވުރެ އިތުރުވެފައިވާ ކަމަށާއި، މިއީ އެމެރިކާގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް %9 ކަމަށެވެ. މިއާއެކުވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން ނުވަތަ ވެކްސިން ޖެހެން ނެތް ސަބަބު ބަޔާންކޮށް އެމެރިކާގެ މުވައްޒަފުންގެ އާބާދީގެ %92 އަށްވުރެ ގިނަ މީހުން، ވެކްސިން މެންޑޭޓުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، މެންޑޭޓަށް އަލުން ޢަމަލުކުރަން ފަށަން ޖެހިއްޖެނަމަ އިތުރު ދަތިތަކެއް ކުރިމަތި ނުވާނެކަމަށް ބޮއިންގްއިން ބުނެއެވެ.