2021 ވަނަ އަހަރުގެ އެކްސްޕޯޓު އިތުރުވީ މިންވަރު ވެގެންދާނީ ފާއިތުވި 12 އަހަރު ތެރޭގައި މުދާ އެކްސްޕޯޓުކުރުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަށް ކަމަށް ތައިލެންޑުގެ އިޤްތިޞާދާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ތައިލެންޑުގެ ކޮމާރސް މިނިސްޓަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޖުރިން ލަކްސަނަވިސިޓް ވިދާޅުވީ މިއަހަރު ތެރޭގައި %15 އާ %16 ދެމެދުގެ ޢަދަދަކަށް އެޤައުމުގެ އެކްސްޕޯޓުގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެކްސްޕޯޓު ވިޔަފާރިއަށް ބަރޯސާވެފައިވާ ތައިލެންޑުން މިއަހަރުގެ ނޮވެމްބަރުމަހު އެކްސްޕޯޓުކޮށްފައިވާ މުދާ މިދިޔަ އަހަރާ އަޅާބަލާއިރު 24.7 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ޝިޕްމަންޓުތައް %16.4 ވަނީ އިތުރުވެފައެވެ. މި މުއްދަތުގައި ތައިލެންޑުގެ އުފެއްދުންތަކަށް އެންމެ ބޮޑު މާކެޓެއް އޮންނަ އެމެރިކާއަށް ކުރި އެކްސްޕޯޓު ވަނީ %20.5 މައްޗަށް ޖެހިފައެވެ. އަދި ޗައިނާއަށް ބަލާއިރު މިޢަދަދު ވަނީ %24.3 މައްޗަށްޖެހިފައެވެ. މިއާއެކު ފާއިތުވި ނޮވެމްބަރުމަހު ތައިލެންޑުގެ އިމްޕޯޓަށްވުރެ އެކްސްޕޯޓު އިތުރުވެފައިވާތީ، ވިޔަފާރި އާމްދަނީ 1.02 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް، އެޤައުމުގެ އިޤްތިޞާދީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ނޮވެމްބަރުމަހު ތައިލެންޑުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު އިތުރުވެފައިވަނީ ކާރުޚާނާތަކާއި ދަނޑުގޮވާންތަކުން ތަކެތި އުފައްދާ މިންވަރު އިތުރުވުމާއި، މުދާ އެކްސްޕޯޓުކުރާ ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރަމުން އަންނާތީ ކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކުރައްވައެވެ.
އަންނަ އަހަރުގެ އެކްސްޕޯޓު ވިޔަފާރިއަށް ބަލާއިރު %3.5 އާ %4.5ގެ ކުރިއެރުމެއް އަންނާނެކަމަށް ލަފާކުރެވޭކަމަށް ތައިލެންޑުގެ ޢިޤްތިޞާދާބެހޭ ވުޒާރާއިން ހާމަކުރެއެވެ.