ޚަބަރު

ކޯވިޑްގެ ބޫސްޓަރ ޑޯޒް އިތުރު 473 މީހުން ޖަހައިފި


ކޯވިޑްގެ ބޫސްޓަރ ޑޯޒް އިތުރު 473 މީހުން ޖަހައިފިއެވެ. ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 24،000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 473 މީހަކު ޖަހާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 196 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 277 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 24،201 އަށް އަރާފައެވެ.

މީގެ އިތުރުން ބުދަދުވަހު 144 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޖެހި 81 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 63 މީހަކު ހިމެނެއެވެ. އަލަށް ދެވަނަ ޑޯޒް ޖެހި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 366،892އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ބުދަ ދުވަހު 59 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 45 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 14 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 396،570 އަށް އަރާފައެވެ.

ރާއްޖެއަށް ކޮވެކްސް ފެސިލިޓީގެދަށުން އިތުރު 100،000 ވެކްސިން ޑޯޒްވަނީ ލިބިފައެވެ. މި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ނިންމާފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.