ޚަބަރު

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ


ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ. ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަ ވެފައިވަނީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހުއެވެ. އޭނާ އަވަހާރަވީ ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ހެނދުނުގެ ވެގުތެއްގައެވެ.

މުހައްމަދު ރަޝީދު އަވަހާރަ ވުމާއި ގުޅިގެން ސްޓްލެކޯއިން ނެރުއްވި ތައުޒިޔާގެ މެސުޖުގައި ވިދާޅުވީ ކުންފުނީގެ ބޯޑުގެ ޗެއަރމަން މުޙައްމަދު ރަޝީދަކީ އެކި މަގާމުތަކުގައި އެކުންފުންޏަށް 50 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ.

މި ހިތާމަވެރި ވަގުތުގައި ކުންފުނީގެ ބޯޑު މެމްބަރުންނާއި، އިސްވެރިން އަދި އެންމެހައި މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މާތް ﷲ މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ޗެއާމަން މުޙައްމަދު ރަޝީދު ސްޓެލްކޯގެ ޚިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، ސްޓެލްކޯގެ ސީ.އީ.އޯގެ މަޤާމުވެސް ވަނީ ފުރުއްވާފައެއެވެ.

ސްޓެލްކޯގެ ބޯޑުގެ ޗެއާމަންކަމުގެ މަޤާމަށް މުޙައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019ގައެވެ.