ޚަބަރު

އުޒްބަކިސްތާނުގައި 1.5 ޓަނުގެ ސިންތެޓިކް ދިޔާ ތެޔޮ އުފައްދާ ޕްލާންޓް ހުޅުވައިފި


އުޒްބަކިސްތާނުގައި ގޭހުން ތެޔޮ އުފައްދާ ފުރަތަމަ ކާރުޚާނާ ނުވަތަ ގޭސް ޓު ލިކުއިޑް ޕްލާންޓް، ހުޅުވައިފިއެވެ.

އުޒްބަކިސްތާނުގެ ދެކުނު އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޢަޝްޢަދަރިޔާގައި ހުޅުވި މިޕްލާންޓަކީ އެޤައުމުން އެކި ގޮތްގޮތުން އުފައްދާ ގޭހުން ފައިދާއެއް ނެރުމަށާއި، ތެޔޮ އެތެރެކުރުމަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ޤާއިމުކުރި ޕްލާންޓެއް ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ގޭސް ޓު ލިކުއިޑް ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުޒްބަކިސްތާނުގެ ރައީސް ޝަވްކަތު މިރްޒިޔާޔެވް ވިދާޅުވީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޕްލާންޓުން، 500 މިލިއަން ޑޮލަރުގެ ގޭސް ބޭނުންކޮށްގެން 1.5 ބިލިއަން ޑޮލަރުގެ ތެޔޮ އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް މި ޕްލާންޓު ފުރިހަމަ ކެޕޭސިޓީގައި މަސައްކަތް ކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްލާންޓުން، ކައިރީގައި އޮންނަ ގޭސް ފީލްޑް އާއި އެ ސަރަޙައްދުގައި ހިމެނޭ ކާރުޚާނާތަކުން ދޫކުރާ ގޭހުގެ 3.6 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ބޭނުންކޮށްގެން، އަހަރެއްގެ މައްޗަށް 1.5 މިލިއަން ޓަނުގެ ސިންތެޓިކް ދިޔާ ތެޔޮ އުފައްދާނެކަމަށާއި، އޭގެތެރޭގައި ކަރާސީނު ތެލާއި، ޑީސެލާއި، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް އަދި ނަފްތާ އުފައްދާނެ ކަމަށް ޕްރޮޑަކްޝަން ޑިރެކްޓަރ މަޢުލޫމާތުދެއްވިއެވެ.

އުޒްބަކިސްތާނުން ކޮންމެ އަހަރަކު ދަނީ 1 ބިލިއަން ޑޮލަރުގެ ތެލާއި ގޭހުގެ މާއްދާތައް އެޤައުމަށް އެތެރެކުރަމުންނެވެ. އެހެންކަމުން މިތަކެތި އިންޕޯޓުކުރުން މަދުކުރުމަށްޓަކައި ޤައުމުގައި ތެޔޮ އުފެއްދުމަށް ހެދި ގޭސް ޓު ލިކުއިޑް ޕްލާންޓަކީ 3.6 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށާއި، މި ޕްލާންޓުގެ ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި އެމެރިކާގެ ކުންފުންޏެއްގެ އިތުރުން، ޤަތަރުގައި ހުންނަ ގޭސް ޓު ލިކުއިޑް ޕްލާންޓު އުފެއްދުމުގައި ޙިއްސާވާ ދެކުނު އެފްރިކާގެ ކުންފުނި ހިމެނޭކަމަށް އުޒްބަކިސްތާނުގެ ސަރުކާރުން ހާމަކުރެއެވެ.