ޚަބަރު

ވެހިކަލްތަކުގެ އިންޖީނުގައި އަލިފާންރޯވާ މައްސަލަ އެމެރިކާއިން ބަލަނީ


ދެކުނު ކޮރެއާގެ އޮޓޯމޯޓިވް އަދި އޮޓޯމޮބައިލް ސިނާޢަތުގެ އެންމެ ބޮޑު ދެ ކުންފުނިން އުފައްދާ ވެހިކަލްތަކުގެ އިންޖީނުގައި އަލިފާން ރޯވުން އިތުރުވެފައިވާ މައްސަލަ ސީރިއަސްކަމާއެކު ބަލަމުންދާ ކަމަށް އެމެރިކާގެ އޮޓޯ ސޭފްޓީ އެޖެންސީން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ހިޔުންޑައި ކުންފުންޏާއި ކިއާ ކުންފުނީގެ އުޅަނދުތަކުގެ އިންޖީނުގައި އަލިފާން ރޯވުމުގެ ޙާދިސާތައް އިތުރުވެގެން ވެހިކަލްތަކުގެ ރައްކާތެރިކަމާގުޅޭ ތަހުޤީޤެއް ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރު ކަމަށް އޮޓޯ ސޭފްޓީ އެޖެންސީން މަޢުލޫމާތުދެއެވެ.

އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާގޮތުން ހިޔުންޑައި އަދި ކިއާ ގެ 161 ވެހިކަލުގެ އިންޖީނުގައި އެކްސިޑެންޓަކާ ނުލައި އަލިފާން ރޯވެފައިވަނީ އިންޖީނު ފެއިލްވެގެންކަމަށް ބެލެވޭތީ، 3 މިލިއަނެއްހާ ވެހިކަލް ހިމެނޭހެން އިންޖިނިއަރިންގ އެނާލިސިސްއެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ތަޙުޤީޤުގައި ދެ ކުންފުނީގެ ތަފާތު މޮޑެލްތަކުގެ އުޅަނދު ހިމެނެއެވެ. އެގޮތުން 2011 އިން 2014 އަށް އުފައްދާފައިވާ ކިއާ އޮޕްޓިމާ އާއި، 2010 ކުން 2015 އަށް އުފައްދާފައިވާ ކިއާ ސޯލް އާއި، 2011 އިން 2014 އަށް އުފައްދާފައިވާ ހިޔުންޑައި ސޮނާޓާ އަދި ސަންޓަ-ފޭ މޮޑެލް ހިމެނެއެވެ.

އިންޖިނިއަރިންގ އެނަލިސިސްގެ ދަށުން އުޅަނދުތަކުގެ ރައްކާތެރިކަމުގެ މިންގަނޑު ވަޒަންކޮށް، އެތަކެތި ބޭނުންކުރުން ހުއްޓާލަންޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެއެވެ. މި ތަޙުޤީޤަށް މިހާތަނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ހިޔުންޑައި ކުންފުނިން ބުނެފައިވީ ނަމަވެސް ކިއާ ކުންފުނިން މިކަމާގުޅިގެން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން މި ދެ ކުންފުނީގެ އުފެއްދުންތަކުން އިންޖީނުގައި މައްސަލަ ހުރެގެން 1.6 މިލިއަން އުޅަނދު ބާޒާރުން އަނބުރާ ނެގުމަށް ސޭފްޓީ ރެގިއުލޭޓަރުން ވަނީ އަންގާފައެވެ. ނަމަވެސް މިގޮތަށް ޢަމަލުކޮށްފައި ނުވާތީ، ބަދަލުގެ ގޮތުގައި 210 މިލިއަން ޑޮލަރު ޢާއްމުންނަށް ދިނުމަށް، މިދިޔައަހަރު އެ ދެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.