ކުދި ވިޔަފާރިތަކަށް ތަކެތި މަރކެޓު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވުމަށް ހަމަޖެހިފައިވާ އެސްއެމްއީ ހަބް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ހާމަކޮށްފިއެވެ.
އެސްއެމްއީ ހަބްގައި މުދާ ވިއްކުމަށާއި ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ކުދި ވިޔާފާރިތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 13ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ.
އެސްއެމްއީ ހަބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަ ދައްކަވަަމުން ބީސީސީގެ ޗީފް ކޮމަރޝަލް އޮފިސަރ ސާމިޙު އާދަމް ވިދާޅުވީ މިހަބްގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ފަށައި ގަންނަ ވިޔަފާރިތަކަށް ތަކެތި ވިއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
" ކުދި ވިޔަފާރިތަކަށް މިދެނީ ފުރުސަތު ކިއޯސްކެއް ނުވަތަ ސްޓޯލެއް އެރޭންޖު ކުރައްވައިގެން ތަކެތި އަމިއްލަ ފުޅަށް ވިއްކެވުމުގެ، ފަށައިގަންނަ ވިޔަފާރިތަކުން، ތަނެއް އަމިއްލައަށް ކުއްޔަށް ހިފުން، އެއީ ވަރަށް ބޮޑު ރިސްކެއް، އަޅުގަނޑުމެން މިދެނީ ކުޑަ އަގެއްގައި ޕްރޮޑަކްޓުގެ ޓްރައަލް މަރުހަލާ ކުރިއަށް ގެންދިޔުމަށް،" ސާމިޙު ވިދާޅުވިއެވެ.
މި ހަބްގައި ތަފާތު އެކި ކަހަަލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ. އަދި ހުނަރުވެރިންނަށްވެސް ޚާއްސަ އޭރިއާއެއް މިހަބްގައި ޤާއިމްކުރާނެ ކަމަށް ބީސީސީން ހާމަކުރެއެވެ. އެސްއެމްއީ ހަބާއި ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން ބީސީސީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަލީ އާނިފް ވިދާޅުވީ، މިތަނުގައި 3 ފްލޯ ހުންނާނެ ކަމަށެވެ.
" ގްރައުންޑު ފްލޯގައި ހުންނާނީ ގަސް ވިއްކުމުގެ ބައި، ފޮތް ލިޔާ މީހުންގެ ފޮތްތައްވެސް ހުންނާނެ، ކެފޭއެއްގެ ޚިދުމަތްވެސް ހުންނާނެ، ދެވަނަ ފްލޯގައި ހުންނާނީ ކާބޯތަކެތި ވިއްކުމަށް ކިއޯސްކްތަކެއް ހުންނާނެ، އަދި ތިންވަނަ ފްލޯގައި ތަފާތު އެކި ކަހަލަ އުފެއްދުންތައް ވިއްކުމަށް ސްޓޯލްތަކާއި ކިއޯސްކުތައް ހުންނާނެ،" އާނިފް ވިދާޅުވިއެވެ.
އޯކިޑް މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުގައި ހުންނަ އެލައިޑު އިމާރާތުގައި ތަރައްޤީކުރާ މި އެސްއެމްއީ ހަބުގައި، އެއް ފަހަރާއި 15 ވަރަކަށް މީހުންނަށް ފިލްމު ބަލާލެވޭ މިނީ ސިނަމާއެއްވެސް ހުންނާނެ ކަމަށް ބީސީސީން ހާމަކުރެއެވެ. އަދި އާރޓު ގެލެރީއެއްވެސް ހުންނާނެ ކަމަށާއި، އެސްއެމްއީ ހަބްގައި ތަކެތި ވިއްކާ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކާއެކު އެއްބަސްވުންތައް ޤާއިމްކުރުމަށް ހަަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބީސީސީން ހާމަކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ދަނީ ދިވެހި ފަންނުވެރިންގެ މަސައްކަތް ކުރިއެރުވުމަށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.