ވިޔަފާރި

ބޯޑަރު ހުޅުވާލުމުން ޗައިނާއިން ގިނަ ޢަދަދަކަށް ފަތުރުވެރިން ގެނައުމުގެ އަމާޒެއް


ޗައިނާގެ ބޯޑަރުތައް ހުޅުވާލުމުން، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔައީ ޗައިނާއިންނެވެ. އެހެންނަމަވެސް ކޯވިޑާ ގުޅިގެން އެޤައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޗައިނާގެ ބޯޑަރުތަށް ބަންދުކުރުމުން، އެޤައުމުން ރާއްޖެއަށް ފަތުުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން، ޢާއިޝަތު އަޒީމާ ވިދާޅުވީ ޗައިނާގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ މަޤްސަދަކީ ޗައިނާގެ ބޯޑަރު ހުޅުވާލުމާއެކު އެޤައުމުން ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން ގެނައުންކަމަށް ސަފީރު ވިދާޅުވިއެވެ.

" ޗައިނާގައި ރާއްޖޭގެ ނަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ މިޝަންއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދަނީ، ލިބޭ ހުރިހާ ފުރުސަތެއްގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްކުރަމުންމިދަނީ. އެގޮތުން ޗައިނާގެ ސޯޝަލް މީޑިއާގައިވެސް ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންމިދަނީ،" އަޒީމާ ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ ބޯޑަރުތަށް އަލުން ހުޅުވާލުމާއެކު އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ޗައިނާ ސަރުކާރުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް ފޮރިން މިނިސްޓަރ ވަންގް ޔީގެ ދަތުރުފުޅުގެތެރެއިންވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"މިފަހަރުގެ ދަތުރުފުޅުގައިވެސް، ދެ ފަރާތުން ކުރި މަޝްވަރާތަކުގެ ތެރޭގައިވެސް، ޗައިނާގައި ކޯވިޑާއި ގުޅިގެން އެޅިފައިހުރި ފިޔަވަޅުތަކަށް، ލުޔެއް ދިނުމުން، ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އައުން، އަލުން ފެށުމުގައި ވަރަށް މުހިންމު ކަމާއެކު އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން، މަޝްވަރާތަކުގައިވެސްވަނީ ދެއްވާފައި،" ސަފީރު އަޒީމާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން، 2019ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 284029 ފަތުުރުވެރިންނަކީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ. މިއީ އެއަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %16.7އެވެ.