ނިމުނު ޑިސެމްބަރުމަހު އެމެެރިކާގެ ވަޒީފާގެ ބާޒާރަށް، އުންމީދުކުރިވަރުގެ ކުރިއެރުމެއް ލިބިފައިނުވި ނަމަވެސް، ވަޒީފާނެތް މީހުންގެ ނިސްބަތް %3.9އަށް ތިރިވެއްޖެއެވެ.
މިއީ ކޯވިޑްގެ ކުރިން 2020ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ވަޒީފާނެތް މީހުންގެ ޢަދަދު ހުރި މިންވަރު ކަމުގައިވާ، %3.5އާ އެންމެ ގާތްކުރި ފަހަރެވެ.
އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާގޮތުގައި މިދިޔަ ޑިސެމްބަރުމަހު އެމެރިކާގެ ކުންފުނިތަކުންވަނީ، އެޤައުމުގެ ވަޒީފާގެ ބާޒާރަށް 199000 ވަޒީފާ އިތުރުކޮށްފައެވެ. މިއީ ލަފާކުރި ޢަދަދަށްވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކުން ކުރިއަށް ގެންދިޔަ ސަރވޭއަކުން ދައްކާގޮތުގައި މިދިޔަ މަހު 651000 މީހުންވަނީ ވަޒީފާއެއް ލިބި މަސައްކަތަށް ނިކުންނަން ފަށާފައެވެ.
ވަޒީފާ ނެތް މީހުންގެ ތަފާސްހިސާބުތަކުން ވަޒީފާއަށް މީހުން ހޮވުމުގައި ނަސްލީ ތަފާތު ކުރުންތަށް ގެންގުޅޭކަން ހާމަވާކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކުން ހާމަކުރެއެވެ. އެގޮތުން ކަޅު ނަސްލުގެ އަންހެނުންގެ މެދުގައި ވަޒީފާ ހޯދުމުގައި ދަތިކަން ހުރިކަން ފާހަގަކުރެވޭ ކަމަށް އެ ބިއުރޯއިން ހާމަކުރެއެވެ.
މިދިޔަ ނޮވެމްބަރުމަހު އެމެރިކާގައިވަނީ ރެކޯޑް އަދަދަކަށް މީހުން އަމިއްލައަށް ވަޒީފާއިން ކެނޑިފައެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހު 4.5 މިލިއަން އަމިއްލައަށް ވަޒީފާ ދޫކޮށްލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ގިނަ ބަޔަކު ވަޒީފާ ދޫކޮށްލުމުން، ވަޒީފާގެ ގިނަ ފުރުސަތުތަކެއްވަނީ އިތުުރުވެފައެވެ. މިއާ އެކު ކުންފުނިތަކަށްވަނީ މުވައްޒަފުން ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ. މިކަމަށް ހައްލެއް ހޯދުމަށް ކުންފުނިތަކުން ދަނީ މުސާރަ ބޮޑުކޮށް، ޚާއްސަ އެލަވަންސްތަށް ތައާރަފްކުރުމުންނެވެ.