ދުނިޔޭގެ ވިޔަފާރި

ފަހު ކުއާޓަރުގައި ޗައިނާގެ އިޤްތިސާދު ކުރިއަރާފައިވަނީ %4އަށް


މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާގެ އިޤްތިސާދު ކުރިއަރާފައިވަނީ %4އަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާ ސަރުކާރުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ އިތުރުވެފައެވެ. މިއާއެކު އިޤްސާދު ކުރިއެރި މިންވަރުވެސްވަނީ އަންދާޒާ ކުރި މިންވަރަށްވުރެ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާގެ އިޤްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ %3.6އަށެވެ. ލަފާކުރި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބުން ނަމަވެސް މި އަދަދަކީ ފާއިތުވީ ދޮޅު އަހަރުތެރޭ ޗައިނާގެ އިޤްތިސާދު ކުރިއެރި މިންވަރު އެންމެ ދަށްވި ފަހަރެވެ.

އިޤްތިސާދު ކުރިއަރާ ދުވެލި ދަށްވެފައިމިވަނީ ހަކަތަ ބޭނުންކުރާ މިންވަރު ދަށްވެފައިވުމާއި، ޝިޕިން އިންޑަސްޓްރީއަށް އައި ލޮޅުމާއެކުއެވެ. ޗައިނާއިންވަނީ އެޤައުމުގައި ގްރީން އެނަރޖީ ބޭނުންކުރާ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ފަށައިފައެވެ.

އަދި ޗައިނާގެ ވެރިރަށް ބެއިޖިންގުނަވަނީ 2060ވަނަ އަހަރު އަންނަންވާއިރު ކާބަން ނިއުޓްރަލް ސިޓީއަކަށްވުމަށް އަމާޒު ހިފާފައެވެ. މިއާއެކު އިޤްތިސާދީގޮތުންވެސް ދަނީ ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު އެޤައުމުގެ އެކި ހިސާބުތަކުގައި ކަރަންޓު ކަނޑައިގެން ދިޔުމުގެ ހާދިސާތަށްވަނީ އިތުރުވެފައެވެ. މީގެ އަސަރުތަށް ތަކެތި އުފައްދާ ކާރުޙާނާތަކަށް ކުރަމުންދާއިރު، އުފެއްދުންތެރިކަން ވަނީ ދަށްވެފައެވެ.