ޚަބަރު

ކޯވިޑްގައި އިތުރު މަރެއް، މިމަހުގެ މިހާތަނަށް 8 މަރު


ކޯވިޑްގައި ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. މި ބަލީގައި މިއަދު ނިޔާވެފައިވަނީ 42 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 42 އަހަރުގެ އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައި.ސީ.ޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ ރޭ 03:01 ގައި ކަމަށެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 270 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 8 ވަނަ މީހާއެވެ. ރާއްޖޭގައި މިވަގުތު

ކޯވިޑްގެ ނިއު ވޭރިއަންޓާއެކު ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު މިއަހަރު ފެށުނު ފަހުންވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެކަނިވެސް 2،349 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 114،977 އަރާފައެވެ. އަދި 13،035 މީހަކަށް އަންނަނީ މިބަލީގައި ފަރުވާ ދެމުންނެވެ. މީގެތެރެއިން 48 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.