ރިޕޯޓް

ބަރުގޮނު ނާޅާ ކެތްކޮށްލެވޭނެތަ؟


ހިނގާ
ބިނގާވެއުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ޚާއްޞަކޮށްފައިވާ މަގުތަކީ
އެންމެންގެ ލާބަޔާއި ފަސޭހައަށް ހުންނަ ތަންތަނެވެ. އެހެންކަމުން މަގުމަތީގައި
ދުއްވާއިރު، ޢާމުންނަށް
އުނދަގޫނުވާނެހެން ދުއްވުމުގައިވެސް ޚާއްޞަ ސާމާލުކަންދޭނެޖެހެއެވެ. އަދި
އުޅަނދުގައި ކުރިޔަށްދާން އުނދަގޫވާއިރަށް ބަރުގޮނުއެޅުމަކީ އެކަމުގެ ސަބަބުން
ގިނަ ބަޔަކަށް އެކަމުގެ އުނދަގޫވާ އަދި ބޭ އަދަބީ ކަމެކެވެ. 

މަގުމައްޗަކީ ހުރިހާ އެންމެންނަށްވެސް އަމާންކަމާއެކު
އުޅެވޭނެތަނަކަށް ވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެހެންނަމަވެސް
މިހާރު ފެންނަމުންދާ ބައެއް މަންޒަރުތައް މުޅިން ތަފާތެވެ. ޙާއްޞަގޮތެއްގައި
ފާހަގަކުރެވޭ އެއްކަމަކީ ކާރާއި ސައިކަލްގައި ދުއްވާ ފަރާތްތަކުން ބަރުގޮނު އަޅަން
ނުޖެހޭ ތަންތަނުގައި ބަރުގޮންއެޅުމެވެ. މިއީ މިހާރު މާލޭގެ މަގުމައްޗަށް އާ
ކަމެއްނޫނެވެ. ބަލިމީހަކު ނުވަތަ އުމުރުން ދުވަސްވީ މީހަކު ކާރުން ފައިބައިގެން ނުވަތަ
ކާރަށް އެރުމަށްޓަކައި ހޭދަވާ ވަގުތުކޮޅަށްވެސް ކާރުގެ ފަހަތުގައި ހުންނަ ސައިކަލް
އަދި ކާރު ދުއްވާ މީހުންނަށް ބަރުގޮނު ނާޅައި މަޑުކޮށްލުމަކީ ދުއްވާ ފަރާތްތަކަށް
ކެއްކުރެވޭވަރު ކަމަކަށް ނުވެއެވެ. އަވަހަށް ދާން ބޭނުންވުމުންވެސް އެންމެ
ފަސޭހައިން ކުރެވޭ ކަމަކީ ބަރުގޮނު އެޅުންކަމުގައި ބައެއް މީހުން ދެކެއެވެ.

މަގުމަތީގައި މަދު ސިކުންތުކޮޅަކަށް މަޑުކޮށްލަން
ޖެހުމުންވެސް ބަރުގޮނު އަޅާތަން ފެނެއެވެ. ބަރުގޮނުގެ އަޑު ގަދަވެގެން ބައެއް ތުއްތު ކުދިންނަށް
ނިދަން އުނދަގޫ ވެގެން އުޅޭ މައިންވެސް މި މުޖުތަމައުގައި އުޅެއެވެ. ގޭގައި
ފިލާވަޅު ދަސްކުރަން ނުވަތަ ނަމާދުކޮށްލުމަށްޓަކައި ހުންނަ މީހާއަށް ބަރުގޮނު
އެޅުމުގެ ސަބަބުން ވާ އުނދަގޫ ތަޞައްވަރު ކޮށްލުން މުހިންމެވެ.

މަގުމަތީގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭގޮތުން ޓްރާންސްޕޯޓުން
ނެރެފައިވާ ޤަވާޢިދުގައި ބުނެފައިވާގޮތުން ބަރުގޮނު އަޅަންވާނީ އިންޒާރުކުރުމަށް
ނުވަތަ ސަމާލުކަން ގެނައުމަށް ކަމަށް ބުނެފައިވެއެވެ. އަދި ބަރުގޮނު އަޅަންޖެހޭނީ
މަގުމަތީގައި ދުއްވާ އުޅަނދަކަށް ނުވަތަ މީހަކަށް ނުރައްކަލެއް ކުރިމަވާ ފަދަ
ޙާލަތެއްގައި ކަމަށްވެސް އެ ޤަވާޢިދުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މި
ޤަވާޢިދަށް ޢަމަލުކުރަނީ ކިތައް މީހުންތޯ ؟ ބަރުގޮނު އެޅުމަކީ ތިމާގެ ޙައްޤެއް ކަމަށް ދެކޭ މީހާ
ބަރުގޮނުގެ ސަބަބުން އުދަގޫވާ މީހާގެ ޙައްގުތަކާމެދު ވިސްނާލުން މުހިންމެވެ.
މީހަކު ވެހިކަލަކަށް އަރަން ނުވަތަ ފައިބަން ނޫންނަމަ އެއްޗެއް އުޅަނދަކަށް
އަރުވާން ނޫނީ ބާލަން މަޑުކޮށްލުމަކީ ތިމާއަށް ކެތްކުރަން ދަތިވާކަމަށްވާއިރު،
ތިމާ އެފަދަ ކަމެއް ކުރަންޖެހޭ ޙާލުގައި ވާނެ ގޮތާމެދު ވިސްނާނުލެވޭ މީހުންނަކީ
ތަހުޒީބުގެ މިންގަނޑުން ކޮން ހިސާބެއްގައި ތިބި، އިޙްތިރާމް ކުރުމުގެ ސިފަ
ކިހާވަރަށް ހުރި މީހެއްތޯ ވިސްނާލުން މުހިންމެވެ.